ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ޚިދުމަތަށް ބޭނުންވާ އިތުރު ކަނޑުބޯޓެއް ފޯރުކޮށްދިނުމަށް އިންޑިއާގެ ކިބައިން އެދިފައިވާކަން ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު އަލް-އުސްތާޛާ މާރިޔާ އަހުމަދު ދީދީ ހާމަކުރައްވާފައިވާކަމަށް އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ވިއޯންއިން ހާމަކޮށްފިއެވެ.

މާރިޔާ ދީދީ މިކަން ހާމަކުރައްވާފައިވަނީ، ވިއޯންގެ ސިޔާސީ ކޮރަސްޕޯންޑަންޓް ސިދާންތް ސިއްބަލްއަށް ދެއްވި ބަސްދީގަތުމެއްގައި ކަމަށްވެސް އެ ނޫހުން ބުނެއެވެ.

އިންޑިއާގެ ލަކްނޯގައި މިހާރު ކުރިއަށްދާ 11 ވަނަ ޑިފެކްސްޕޯގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް އެގައުމަށް ވަޑައިގެން އުޅުއްވާ ދިވެހި ދިފާއީ ވަޒީރާ ހަވާލާދީ ވިއޯން ބުނީ، ދިވެހިރާއްޖެއާއި އިންޑިއާއައި ދެމެދު ދިފާއީ ރޮނގުން ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ގިނަ މަޝްވަރާތަކެއް، މާރިޔާ ދީދީގެ މި ދަތުރުގައި ކުރިއަށް ގެންދަވާފައިވާކަމަށެވެ.

ކަނޑުގެ އަސްކަރިއްޔާގެ ފްލީޓަށް އިތުރު އުޅަނދެއް ބޭނުންވާކަމަށާ، މިކަމަށް އިންޑިއާގެ ސަރުކާރުން ފެހި ސިގްނަލް ލިބިފައިވާކަމަށް މާރިޔާ ދީދީ ވިދާޅުވި ކަމަށްވެސް ވިއޯންއިންވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާއިންވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ދިވެހި އަސްކަރިއްޔާއަށް ކަނޑު އުޅަނދެއް ހަދިޔާކޮށްފައެވެ.