ކަޝްމީރުގެ އިންޑިޔާއާ ވީ ފަޅީގެ ޗީފް މިނިސްޓަރުންގެ ގޮތުގައި ކުރި މަސައްކަތް ކުރެއްވި 2 މެހްބޫބާ މުފްތީއާއި އުމަރު ޢަބްދުﷲގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޗީފް މިނިސްޓަރުކަން ކުރައްވާފައިވާ 2 ބޭފުޅުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ، އިންޑިއާގައި އެ ގާނޫނަކާ ގުޅިގެން ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ، 'ޑިޓެންޝަން' ގާނޫނު ނުވަތަ "ޕަބްލިކް ސޭފްޓީ އެކްޓް" ދަށުންނެވެ.

ކަޝްމީރަށް ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލު ނިގުޅައިގަތުމަށް އިންޑިއާ ސަރުކާރުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު އެޅި ފިޔަވަޅާއެކުހެން މެހްބޫބާ މުފްތީ އިންނެވީ ބަންދެއްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހަކީ 2 ބޭފުޅުންވެސް ބަންދުން މިނިވަން ކުރަން ކުރިން ހަމަޖެހިފައި އޮތް ދުވަހެވެ. މި ދުވަހާ ދިމާކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، މެހްބޫބާ މުފްތީގެ ފަރާތުން އޭނާގެ އެކައުންޓް އޮޕަރޭޓް ކުރަމުންދާ ދަރިއަކު ވަނީ، މި ނިންމުމަކީ "ޚުދުމުޚުތާރު" ނިންމުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޢަބްދުﷲގެ ފަރާތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި 2 ބޭފުޅުންވެސް މިވަގުތު ތިއްބެވީ ގޭ ބަންދުގައި ކަމަށް ޚަބަރު ލިބެއެވެ.

ކަޝްމީރަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ، އިންޑިއާގެ ގާނޫނު އަސާސީއިން އުނިކޮށް، އެ ސަރަހައްދުގެ ކޮންޓްރޯލް އިންޑިއާގެ މައި ސަރުކާރުގެ ދަށަށް ގެންދިޔަ މައްސަލާގައި މުޒާހަރާކުރަން ނިކުތް ގިނަ ބަޔަކު އަދިވެސް ތިބީ އިންޑިއާގެ ކަމާ ބެހޭފަރާތްކުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައެވެ. މީގެ ތެރެއިން ބައެއް މީހުން، ކަޝްމީރުން ބޭރު ޖަލުތަކަށް ބަދަލުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މެހްބޫބާއާއި ޢަބްދުﷲގެ ބަންދުގެ މުއްދަތު އިތުރުކުރީ ކިހާ ދުވަހަކަށް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

"ޕަބްލިކް ސާވިސް އެކްޓް"އަކީ ދައުވާއަކާ ނުލާ، 2 އަހަރު ދުވަހުގެ މުއްދަތަށް މީހަކު ބަންދުގައި ބަހައްޓަން ކަމާބެހޭ ފަރާތްތަކަށް ބާރުދޭ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނެކެވެ.