ސޫރިޔާގެ ވައިގެ ސަރަހައްދުގައި އޮތް ރަޝިޔާގެ ފަސެންޖަރުން އުފުލާ މަތިންދާ ބޯޓަކަށް މިސައިލް ހަމަލާއެއް އަމާޒުނުވެ ސަލާމަތްވީ ކިރިޔާ ކަމަށާ، އެ ބޯޓު ދަތުރުކުރަމުން ދިޔަ ރާސްތާވެސް މިކަމުގެ ސަބަބުން ބަދަލު ކުރަންޖެހިފައިވާކަން ރަޝިޔާގެ ދިފާއީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްކަށް ބޯޓުޖައްސަން އުޅުނު ވަގުތު، އިސްރާއީލުން ކުރިން ދީފައިވާ ކަމަށް ތުހުމަތުކުރެވޭ ހަމަލާއެއްގެ ރައްދު ހަމަލާ ދިނުމަށް، ސޫރިޔާގެ މިސައިލް ޑިފެންސް ސިސްޓަމް މަސައްކަތްކުރުމުގެ ތެރޭގައެވެ. މިއާއެކު މަތިންދާ ބޯޓުގެ މިސްރާބު، ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގައި އޮންނަ ރަޝީޔާގެ އަސްކަރީ އެއާބޭސްއަކަށް ބަދަލު ކުރަންޖެހުނު ކަމަށްވެސް ރަޝިޔާގެ ދިފާއީ ވުޒާރާއިންވަނީ ހާމަކޮށްފައެވެ.
ރަޝިޔާއިން ތުހުމަތު ކުރާ ގޮތުގައި، އިސްރާއީލުން މިސައިލް ހަމަލާ ދިނުމުގައި އައްޑަނައަކަށް ހަދަނީ ފަސެންޖަރުން އުފުލާ އެއާލައިންތަކެވެ.
އެއާބަސް އޭ 320 މަރުކާގެ މަތިންދާ ބޯޓުގައި އެވަގުތު، 170 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ޚަބަރު ލިބެއެވެ. މި ފްލައިޓަކީ އީރާނުން ފުރައިގެން ސޫރިޔާއަށް ދަތުރުކުރި ފްލައިޓެއް ކަމަށްވެއެވެ. ފްލައިޓްއާއި ބެހޭ އިތުރު ތަފްސީލެއް ރަޝިޔާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިހާދިސާގައި ރާސްތާ ބަދަލުކޮށްފައިވަނީ ރަޝިޔާގެ ފްލައިޓެއް ކަމަށް އެގައުމުން ބުނާއިރު، އެ ބުނާ ވަގުތު ރާސްތާ ބަދަލުކޮށްފައިވަނީ ސޫރިޔާގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓެއްކަމަށްވެސް ސޯޝަލް މީޑިއާގައި ދަނީ ވަކާލާތު ކުރަމުންނެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި މިސައިލް ހަމަލާ ދޭ މިންވަރު އިތުރުވެފައިވާއިރު، މީގެ މަހެއް ދުވަސް ކުރިން އީރާނުން ދިން މިސައިލް ހަމަލާތަކެއް އަމާޒުވެ، ޔޫކްރައިންގެ ފަސެންޖަރުން އުފުލާ ފްލައިޓެއް ވެއްޓި، އެއިން ދަތުރުކުރި 170އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.