އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް އެބަދެއެވެ.

ޕީޕީއެމުން ބުނީ ވޯޓުލުން މިއަދު މެނަދުރުފަހު 2:30 ގައި މާލެއާއި އަތޮޅުތަކުގައިވެސް ފެށިފައިވާ ކަމަށެވެ.

ދިމާވި އިދާރީ ކަންކަމުގެ ސަބަބުން ބައެއް ރަށްރަށުގައި ވޯޓުލުން ފެށުން ލަސްވި ނަމަވެސް އެ ޕާޓީން ބުނީ ކުޅުދުއްފުށި އަދި ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ 42 ރަށެއްގައި މިހާރު ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

ހަތް އަތޮޅު ކައުންސިލާއި ދެ ސިޓީ ކައުންސިލް ހިމެނޭ ގޮތުން ޖުމްލަ 134 ވޯޓު ފޮށްޓެއް ބަހައްޓާފައި ވެއެވެ. ޕީޕީއެމްއިން ބުނީ ޕްރައިމަރީ ބާއްވަނީ 66 މަގާމަށް ކަމަށެވެ.

މިއަދު އިދިކޮޅު ޕީޕީއެމްގެ ޕްރައިމަރީ ހިނގަމުން ދާއިރު، މިހާރުގެ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ނަތީޖާ ހަމަހަމަވި ގޮނޑިތަކާއި ވޯޓު ބާތިލް ކުރި ގއ އަތޮޅުގެ ޕްރައިމަރީގެ ވޯޓުލުންވެސް މިއަދު ބާއްވަން އެ ޕާޓީން ވަނީ ނިންމާފައެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓު ލުމުގައި ގއ. މާމެންދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ލި ވޯޓުކަރުދާސްތައް އަންދާލައިފައި ވަނީ މިދިޔަ ހުކުރުދުވަަހު ބޭއްވި އެމްޑީޕީ ޕްރައިމެރީގައެވެ. އެ މައްސަލަ ހޫނުވީ އިދާރީ މޭޒުގައި ހުރި ކަރުދާސްތަކެއް މީހަކު ގޮސް ވީދާލުމާ ގުޅިގެންނެވެ. އެހިސާބުން އެ ސަރަހައްދަށް މީހުން އެއްވިއެވެ. އަދި އަޑުގަދަކުރަން ފެށުމުން ވޯޓުލުން މެދުކަނޑާލިއެވެ.

އެގޮތުން އިދާރީ މޭޒު ކައިރިއަށް އެއްވެފައި ތިބި ބައެއް މީހުން ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ. ބައެއް ފަރާތްތަކުން އަންނަނީ ވޯޓު ފޮއްޓަށް "ވަގު ވޯޓު" އެޅި ކަމުގެ ތުހުމަތުވެސް ކުރަމުންނެވެ.

އަދި ހަމަ އެހެންމެ އެމްޑީޕީ ޕްރައިމަރީންގެ ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ 3 ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިކުކޮށްފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ގުނައި ނިމުމާ ގާތަށް ގޮސްފައިވަނިކޮށް ވޯޓު ކަރުދާހެއް ބާތިލު ކަމުގައި ކަނޑައެޅި ގޮތާމެދު އުފެދުނު ހިލާފެއްގެ ސަބަބުން ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ވޯޓު ކަރުދާސްތައް ޖަހައިގަތުމަށް ބައެއް މެންބަރުން މަސައްކޮށްފައިވާތީއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.