ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ގޮވާލައިފިއެވެ.
އިދިކޮޅުން އިސްތިއުފާއަށް ގޮވާލާފައި ވަނީ މާފުށީގައި ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ކަންހިނގާ ދިޔަގޮތައް އިޝާރާތްކޮށް އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ކޮންމެ ހާލަތެއްގައި ވިއަސް އެއްވެސް މީހަކު ހައްޔަރުކޮށް އެއްވެސް މީހަކާ މެދު ފިޔަވަޅު އެޅިނަމަވެސް އެމީހުންނަށް ގޯނާކޮށް ގެއްލުންދީ އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަމަލުތައް ހިންގުމަކީ ފުލުހުންގެ އަހްލާގީ މިންގަނޑުގެ ބޭރުން ކުރެވޭ ކަމެއް ކަމަށެވެ.
ދިވެހި ފުލުހުންގެ އަގު ވައްޓާލައި ދިވެހި ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑުގެ ބޭރުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމަށް މިނިސްޓަރު އިމްރާން ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމުރުތައް އިދިކޮޅު ފަރާތްތަކުން ކުށްވެރިކުރާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ހިލާފަށް ހޯމް މިނިސްޓްރީން ކުރަމުން ގެންދާ ޣައިރުގާނޫނީ އަމުރުތަކަށް ތަބާވެ އެކަންކަން ތަންފީޒުކުރުމަށް ޕޮލިސް ކޮމިޝަނަރު ހަމީދު ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ހަރުއަޑުން ކުށްވެރި ކުރާކަމަށާއި ފުލުހުންނަށް ކުރަމުން ގެންދާ ޣަައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވެ ފުލުހުންގެ އަހަލާގީ މިންގަނޑުގެ ތެރޭގައި މަސައްކަތް ކުރުމަށްވެސް ދިވެހި ފުލުހުންނަށް އިލްތިމާސް ކުރާކަމަށްވެސް ބަޔާނުގައި ވެއެވެ.
މާލެ އަތޮޅު މާފުށީގައި ނިވާކަން ކުޑަކޮށް މަގުމަތީގައި އުޅުނު އަންހެން ފަތުރުވެރިއަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރިގޮތުން ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.