ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާއީ ގޮތުން ގާއިމުކޮށްފައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ވަރުގަދަ ކުރެވޭނެ ގޮތްތައް ހޯދާނެ ކަމުގެ އިޝާރާތެއް އިންޑިއާއިން ކޮށްފިއެވެ.

އިންޑިއާގެ ލަކްނޯގައި މިހާރު ކުރިއަށްދާ 11 ވަނަ 'ޑިފެކްސްޕޯ'ގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންހަ ވިދާޅުވީ އިންޑިއާއަކީ ދިފާއީ އުފެއްދުންތެރިކަމުގެ ހަބަކަށް ހެދުމަކީ އަމާޒެއް ކަމަށާ، އަޒުމު ހާސިލުކުރުމުގެ ތަޅުދަނޑިއަކީ، މި ރޮނގުން ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ. އެގޮތުން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް ޖުމްލަ 5 ގައުމަކާއެކު ދިފާއީ ގުޅުންތައް އިތުރަށް ބަދަހި ކުރުމުގެ ޝައުގުވެރިކަން އިންޑިއާއިން ވަނީ ފާޅުކޮށްފައެވެ. ދިވެހިރާއްޖޭގެ އިތުރުން މި ލިސްޓުގައި ދެން ހިމެނެނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، އިނގިރޭސިވިލާތް، ކިރިގިސްތާނު އަދި އޮމާންއެވެ.

އިންޑިއާގެ ދިފާއީ ވަޒީރު ވަނީ، ޑިފެކްސްޕޯގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަމުން ގެންދަވާ ދިވެހި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީއާވެސް ބައްދަލުކުރައްވާ، ދިފާއީ ރޮނގުން އިތުރަށް ގުޅުން ބަދަހި ކުރުމާ، ދިފާއީ ކަންކަމުގައި ދެ ގައުމުގެ ބައިވެރިވުން އެކުލެވޭ މަޝްރޫއުތައް އިތުރު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

"ޑިފެކްސްޕޯ"ގެ 11 ވަނަ އެޑިޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އެންމެ ޒަމާނީ ޓެކްނޮލިޖީގެ ޒަރިއްޔާއިން ދިފާއާ ގުޅޭ ކަންކަމަށް، އެއް ޕްލެޓްފޯމަކުން ހައްލު ހޯދާ ދިނުމަށް ކަމަށް އިންޑިއާއިން ބުނެއެވެ. ވަކިން ހާއްސަކޮށް ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިފާއީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަކީ އިންޑިއާގެ އަމާޒެއް ކަމަށް އެގައުމުން ބުނެއެވެ.

ލަކްނޯ "ޑިފެކްސްޕޯ"ގެ 11 ވަނަ އެޑިޝަންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 ގައުމަކުން 172 އަސްކަރީ މެނުފެކްޗަރިންގް ފާމްގެ އުފެއްދުންތައް ފެނިގެންދާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

ގައުމުތަކާއި އިންޑިއާއާ ދެމެދު ދިފާއީ ރޮނގުން އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން، "ޑިފެކްސްޕޯ"ގެ 11 ވަނަ އެޑިޝަންގައި ދުނިޔޭގެ އެކި ހިސާބުތަކުން 40 އަށްވުރެ ގިނަ ގައުމުގެ ދިފާއީ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާކަން، އިންޑިއާގެ ދިފާއީ ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާގެ އަސްކަރީ ގުޅުމަކީ ތާރީޚީ، ބަދަހި ގުޅުމެކެވެ. ފަންސާސް ހަތަރު އަހަރުގެ ހާރިޖީ ފޭރާމަކުން ޖަރީވަމުން އަންނަ ދިވެހިރާއްޖެއާއި އިންޑިއާގެ ބަދަހި ގުޅުމަކީ ގާތް، އަޚުވަންތަ ގުޅުމަކަށް ވާއިރު، މި ގުޅުމަކީ އިސްތިރާޖީ، އިގުތިސޯދީ އަދި އަސްކަރީ ތަނބުތަކުން ވަރުގަދަ ކުރެވިފައިވާ ގުޅުމެއްކަން އިންޑިއާއިން ފާހަގަކުރެއެވެ.

ދިވެހި އަސްކަރިއްޔާގެ ޑޮކްޓަރުން ތަމްރީނުކުރުމަށްވެސް އިންޑިއާއިން ހާއްސަ ސަމާލުކަމެއް ދެއެވެ. އިންޑިއާގެ އެހީތެރިކަމުގެ ދަށުން އެގައުމުގައި ތަމްރީނު ފުރިހަމަކޮށްފައިވާ އަސްކަރީ ޑޮކްޓަރުން މިއަދުވެސް ގެންދަވަނީ ސެނެހިޔާގައި އާންމު ދިވެހި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ.