19 އަހަރުގެ ދޮން ދަރިއަކަށް ބިރު ދައްކައިގެން ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދޮންބައްޕައަށް ރަށުބަޔަކު ހަމަލާދީފިއެވެ.

ފުލުހުން ބުނީ، ސައުތް ސެންޓްރަލް ޑިވިޝަން (ތ އަދި ލ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 19 އަހަރުގެ އަަންހެނަކަށް ބިރު ދައްކައިގެން އެކި ދުވަސްމަތިން އޭނާގެ ދޮންބައްޕަ ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދޮންބައްޕަ އަކީ އުމުރުން 56 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

19 އަހަރުގެ ދޮންދަރިއަށް ބިރު ދައްކައިގެން އެކި ފަހަރުމަތިން ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހަޅައިގެން ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް މިރޭ 7:30 ހާއިރު 19 އަހަރު އަންހެން މީހާގެ ދޮންބައްޕަގެ ގެ ކައިރިއަށް މީހުން އެއްވެ އޭނާއަށް ހަމަލާ ދިން ކަމަށް ފުލުހުން ބުނެއެވެ. އެކަމުގެ ސަބަބުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުންގެ މަރުކަޒަށް ގެންގޮސްފައި ކަމަށްވެސް މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްް ކަމުގައިވާ ދޮންބައްޕަ މަރާލާނެކަމަށް ބުނެ އޭނާއަށް އިންޒާރުދީ ހަމަލާ ދިން މައްސަލަައެއް، ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.