ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިންޑިއާ ދަތުރުފުޅަކީ ދިވެހިރާއްޖެވެސް ހިމެނޭ ގޮތަށް ދެކުނު އޭޝިއާ ސަރަހައްދުގެ މުހިންމު ކަންތައްތަކާ ގުޅޭ މަޝްވަރާތަކެއް ކުރެވިގެންދާނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މާދަމާއިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަހިންދާ ރާޖަޕަކްސަ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ، އިންޑިއާ-ސްރީލަންކާ-ދިވެހިރާއްޖެ ހިމެނޭ ގޮތަށް 3 ގައުމުގެ މެދުގައި ނޮން-ސްޓޭޓް އެކްޓާ (އެންއެސްއޭ) ފެންވަރުގެ މަޝްވަރާތައް ކުރެވިގެންދާ ދަތުރުފުޅެއް ކަމަށް ޚަބަރު ލިބެއެވެ.

އެންއެސްއޭ އަކީ، ވަކި ގައުމަކަށް ނުވަތަ ދައުލަތަކަށް ބުރަ ނުވާ، އެހެން ނަމަވެސް، ސިޔާސީ ގޮތުން ނުފޫޒު ވަރުގަދަ ފަރުދެއް ނުވަތަ ޖަމިއްޔާއެކެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ މަސްލަހަތުތައް ވަރުގަދަ ކުރަމުން ދާއިރު، 3 ގައުމުގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މުހިންމު މަޝްވަރާ ތަކެއްވެސް ސްރީލަންކާގެ ބޮޑުވަޒީރުގެ އިންޑިއާ ދަތުރުފުޅުގައި ކުރެވިގެން ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މަޑުޖެހިފައިވާ އެންއެސްއޭ ފެންވަރުގެ މަޝްވަރާތައް އަލުން ފަށައިގަތުމަށް ދިވެހިރާއްޖެ ޝައުގުވެރި ވާކަމަށް އިންޑިއާގެ އިކޮނޮމިކް ޓައިމްސްގެ ރިޕޯޓެއްގައި ވަނީ ފާހަގަ ކޮށްފައެވެ. މިދަނޑިވަޅަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާއީ ރޮނގުންވެސް ގުޅުންތައް ބަދަހިކުރަމުންދާ ދަނޑިވަޅަކެވެ. ކަންމިހެން އޮތްއިރު، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒުގަދަވެ، ޕީއެލްއޭ ނޭވީ ނުވަތަ ޗައިނާގެ ކަނޑުގެ އަސްކަރިއްޔާގެ ހަރަކާތްތައް އިންޑިއާއިން ދަނީ ވަރަށް ގާތުން ވިލަރެސް ކުރަމުންނެވެ. އިންޑިއާއިން ގަބޫލުކުރާ ގޮތުގައި މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ގައުމަކީ އެއީއެވެ.

އިންޑިއާއިން ބުނާ ގޮތުގައި އިންޑިއާ-ދިވެހިރާއްޖެ-ސްރީލަންކާ ބައިވެރިވާ 3 ގައުމުގެ ގުޅިފައިވާ މަޝްވަރާތައް ކުރިއަށް ނުގެންދެވި އޮތީ ފާއިތުވީ 5 އަހަރެއްހާ ދުވަހު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް އަރަމުން ދިޔަ ލޮޅުންތަކުގެ ސަބަބުންނެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅި، އިންޑިއާ ސަރުކާރުގެ ދެވަނަ ދައުރުގެ ވެރިކަން ފަށާ، ހަމައަކަށް އެޅި، ސްރީލަންކާގެ ވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މިދަނޑިވަޅުގައި މިމަޝްވަރާތައް އަލުން ފަށާ، ސީޝޭލްއާއި މޮރިޝަސްއަށް މިމަޝްވަރާތަކުގެ ދައުވަތު ދިނުން އެކަށީގެން ވާކަމަށް އިންޑިއާއިން ލަފާކުރެއެވެ.

މަޝްވަރާތަކާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ އިކޮނޮމިކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 3 ގައުމު ބައިވެރިވާ މަޝްވަރާތަކުގެ މައިގަނޑު އެޖެންޑާއަކަށް ވާނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފުޅާވަމުންދާ ޓެރަރިޒަމްގެ ނެޓްވާކްގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލުން އެއްކިބާވެ، ސަރަހައްދީ ހަމަޖެހުމާ ސުލްހަ ކަށަވަރު ކޮށްދޭ އިސް ފަރާތުގެ ގޮތުގައި އިންޑިއާ ދެމި އޮތުމަށް ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުން އަންނައިރު ރާޖަޕަކްސަގެ ދެބެން ނުވަތަ ސްރީލަންކާގެ ރިޔާސަތުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސައާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި އެންމެ ހާއްސަ ސަމާލުކަމެއް ދެއްވާ އެއްކަމަކީވެސް، އިންޑިއާއާ ގުޅިގެން ޓެރަރިޒަމްގެ ނުރައްކާ ކުޑަކުރުމަށް ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް އިންޑިއާއިން ގަބޫލުކުރެއެވެ.

އެންއެސްއޭ ފެންވަރުގެ މަޝްވަރާތައް 3 ގައުމު ބައިވެރިވެގެން މީގެ ކުރިން 3 ފަހަރެއްގެ މަތިން ވަނީ ކުރިއަށް ގެންގޮސްފައެވެ. ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަމާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށް މަޝްވަރާތައް ކޮށްފައިވަނީ މާލެ (2011)ގެ އިތުރުން ކޮޅުނބު (2013) އަދި ދިއްލީ (2014)ގައެވެ. ދިއްލީގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި މޮރިޝަސްއާއި ސީޝެލްސްވެސް ބައިވެރިވިއެވެ. ނަމަވެސް އޭރު ސްރީލަންކާގެ ވެރިކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް އުފުލުނު އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ދައުވާތަކާ ގުޅިގެން މޮރިޝަސްއިން ވަނީ އެންއެސްއޭ މަޝްވަރާތައް ދޫކޮށްލާފައެވެ.

ރާޖަޕަކްސަގެ ދަތުރުފުޅާއެކު 3 ގައުމު ބައިވެރިވާ މަޝްވަރާތަކެއް ކުރިއަށް ދާނެ ކަމަށް އިންޑިއާއިން ހާމަކޮށްފައިވީ ނަމަވެސް، މިފަދަ އެއްވެސް ތަފްސީލެއް ދިވެހި ހާރިޖިއްޔާއިން އަދި އާންމުކޮށްފައެއް ނުވެއެވެ.