ކައިވެނި ހަފުލާތަކަކީ ދުރާލާ ކިތަންމެ ރޭވުމެއް ރޭވިކަމުގައި ވީ ނަމަވެސް އެންމެ ފަހުވަގުތު ކޮންމެވެސް ކަމަކަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ހަފުލާތަކަކަށްވެއެވެ. ނަމަވެސް މިއީ، ކައިވެނިކުރާ ޖޯޑާ ނުލައި ކައިވެނި ޕާޓީއެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުކަމަށްވެސް ވެދާނެއެވެ. މިކަމެއް ހިނގާދިޔައީ ސިންގަޕޫރުގައެވެ.

ސިންގަޕޫރަށް ނިސްބަތްވާ ޖޯސެފް ޔޫއާއި ކާންގް ޓިންގް ޗައިނާ ދަތުރު ނިންމާލުމަށްފަހު އެނބުރި ސިންގަޕޫރަށް ދިޔައީ ކައިވެންޏަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. ކަންދިމާކޮށްފައި އޮތް ގޮތުން، މި ދުވަސްވަރަކީ ނުރައްކާތެރި ކޮރޯނާވައިރަހުގެ ބިރުވެރިކަން ޗައިނާއިން އަންނަ ކޮންމެ މީހެއްގެ ކިބައިން ބޭ އިހުތިޔާރުގައި ނަމަވެސް ކުރެވެން ފަށާފައިވާ ދުވަސްވަރެކެވެ. އެކަމުގެ އަސަރު ސީދާ ގޮތުން ކުރީ ޔޫއާއި ޓިންގްގެ ކައިވެނި ހަފުލާއަށެވެ.

ޔޫއާއި ޓިންގް ޗައިނާއަށް ދިޔައީ، ޓިންގްގެ އާއިލާއާއެކު ޗައިނާގެ އާ އަހަރުގެ އުފާފާޅުކުރުންތަކުގައި ބައިވެރިވުމަށެވެ. ޗައިނާއިން އެނބުރި އައީ ޖަނަވަރީ 30 ގައެވެ. ކައިވެނި ހަފުލާ އޮތީ ފެބުރުވަރީ 2 ގައެވެ.

ޔޫއާއި ޓިންގް އެނބުރިއައީ ޗައިނާއިންކަން އެނގުމުން، އެމީހުންގެ ކައިވެނި ހަފުލާއަށް ދިއުމަށް، ކުރިން ދައުވަތު ދީފައިވާ ކިތަންމެ ބަޔަކު ފަސްޖެހުނެވެ. ނަމަވެސް އެއީ ކައިވެނި ސައި ނުބާއްވަންވީ ސަބަބެއް ކަމުގައި އެ ދެލޯބިވެރިންނަކަށް ގަބޫލެއް ނުކުރެވުނެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަކަން އިނގިލިކުރީގައި އޮތް މިޒަމާނުގެ ބޭނުން އެމީހުން ހިފީ އާދަޔާ ހިލާފު ގޮތަކަށެވެ. ކައިވެނީގެ ރަސްމިއްޔާތު ކުރިންވެސް ރާވާފައި އޮތް ގޮތަށް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ޔޫ އާއި ޓިންގް އެ ހަފުލާ ކުރިއަށް ދިޔަ މާލަމުގައި ނެތެވެ. އެދެ މީހުން ތިބީ އެހެން ތަނެއްގައެވެ. ހުރިހާ ކަމެއްވެސް ހިއްސާކުރަމުން ދިޔައީ ވީޑިއޯ ލައިވްސްޓްރީމް މެދުވެރިކޮށެވެ. އެމީހުން ތިބީ އެ ދެމީހުންނަށް ހާއްސަކޮށްފައިވާ ހަނީމޫނު ސުއީޓްގައެވެ.