އިނގިރޭސީންގެ އަތް ދަށުން މިނިވަންވެ އިންޑިއާގެ ސަބްކޮންޓިނެންޓް ބައިކުރި ފަހުން، މިހާރުގެ އިންޑިއާއަށް ވީ ފަޅީގައި މަޑުކުރުމަށް ނިންމި މުސްލިމުންގެ ފަރާތުން އެގައުމަށް ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށް ބުނެ، އިންޑިއާގެ ކަނާތުފިޔައިގެ ފިކުރަށް ނިސްބަތްވާ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރު އަދީއްތިޔަނާތު، މުސްލިމުންނަށް ފާޑުކިޔައިފިއެވެ.

ބީބީސީ ހިންދީއާ ވާހަކަ ދައްކަމުން އަދީއްތިޔަތާނު ބުނީ އިންޑިއާ ބައިކޮށް، ޕާކިސްތާނު އުފެދިގެން ދިޔަ ދިއުމާ މުސްލިމުން އޭރު ދެކޮޅު ހަދަންޖެހޭ ކަމަށެވެ.

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަދީއްތިޔަނާތު ކެމްޕޭނެއްގައި/ފޮޓޯ: ގެޓީއިމޭޖަޒް

އުއްތަރަ ޕްރަދޭޝްއަކީ އިންޑިއާގެ އެންމެ ބައިބޯ ސްޓޭޓްއެވެ. އިންޑިއާގައި އުޅޭ 200 މިލިއަނެއްހާ މުސްލިމުންގެ 4 ބައިކުޅަ 1 ބައި މީހުން ދިރިއުޅެނީ އެ ސްޓޭޓްގައެވެ. އެ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ކުރަމުން އަންނަ އަދީއްތިޔަނާތަކީ، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ހިންދޫ ފިކުރުގެ ބާރްތިޔާ ޖަނާތާ ޕާޓީގެ ސިޔާސީ ލީޑަޝިޕުގެ އިސް ސަފުގައިވެސް ހަރަކާތްތެރިވާ މީހެކެވެ.

އަދީއްތިޔަނާތުގެ ވެރިކަމުގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ ކަމުގެ ވާހަކައަކީ ކެނޑިނޭޅި މީޑިއާއަތަކަށް ތިލަވަމުން އަންނަ ވާހަކަތަކެކެވެ. އެގޮތުން އެންމެ ފަހުން އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އުއްތަރަ ޕްރަދޭޝްގައި ކުރިއަށް ދިޔަ ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވި މުސްލިމުންނާ ދެކޮޅަށް އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުން ކޮށްފައި ވަނީވެސް އަދީއްތިޔަނާތުގެ ބެލުމުގެ ދަށުންކަން ފާހަގަ ކުރަން ޖެހެއެވެ. މިކަމަށް ސާބިތުހިފޭ މިންވަރަށް ހެކި ލިބިފައި ހުރި ނަމަވެސް، އޭނާ ދަނީ މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

މުސްލިމުންނަށް އަނިޔާކުރުމުގައި އިންޑިއާގެ އުއްތަރަޕްރަދޭޝް ސްޓޭޓްގެ ސަރުކާރު އޮތީ ހައްދުފަހަނައަޅާފަ/ފޮޓޯ: ގެޓީއިމޭޖަޒް

އަދީއްތިޔަނާތު ވަނީ އިންޑިއާގެ ވެރިރަށް ދިއްލީގެ ޝާހީން ބާގްގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެންވެސް މުސްލިމުންނަށް ފާޑުކިޔާފައެވެ. މި ސަރަހައްދަކީ އެތައް ސަތޭކަ މުސްލިމު އަންހެނުންނެއް ސުލްހަވެރިކަމާއެކު އިށީނދެ ތިބެގެން އިހުތިޖާޖު ކުރަމުންދާ މައިދާނެކެވެ. މި ހަރަކާތް ކުރިއަށް ދާތާ މަހެއް ވެފައި ވާއިރު، އަދީއްތިޔަނާތު ވަނީ މިކަމާވެސް މުސްލިމުންނަށް ފުރައްސާރަ ކޮށްފައެވެ. އެގޮތުން 'ވަކި އާބާދީއެއް'ގެ ފިރިހެނުންނަކީ ފިނޑިބައެއް ކަމަށާ، 'ސާލެއްގެ' މަތީގައި އިށީނދެ ތިބެގެން މުޒާހަރާ ކުރަން ގެއިން ބޭރަށް ފޮނުވަނީ އަންހެނުންނާއި ކުޑަކުދިން ކަމަށް ބުނެ އަދީއްތިޔަނާތު ވަނީ މުސްލިމުންނަށް ފާޑުކިއުންތައް އަމާޒު ކޮށްފައެވެ.

ކިސާރު ނުވަތަ ސެފްރޮން އޮރެންޖު ކުލައިގެ ހެދުމެއްގައި އަބަދު ފެންނަ، އުމުރުން 47 އަހަރުގެ އަދީއްތިޔަނާތަކީ އިންޑިއާގައި ނުފޫޒުގަދަ ހިންދޫ ފަޅިއެއްގެ އިސް ފާދިރީއެކެވެ. އޭނާގެ ވާހަކަ މުޅިންހެން މީޑީއާގައި ދައުރުވެފައި ވަނީ މުސްލިމުންނާ ދެކޮޅު ލީޑަރެއްގެ ގޮތުގައެވެ.