އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީން ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ 3 ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލްކޮށްފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކައުސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ގުނައި ނިމުމާ ގާތަށް ގޮސްފައިވަނިކޮށް ވޯޓު ކަރުދާހެއް ބާތިލު ކަމުގައި ކަނޑައެޅި ގޮތާމެދު އުފެދުނު ހިލާފެއްގެ ސަބަބުން ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ވޯޓު ކަރުދާސްތައް ޖަހައިގަތުމަށް ބައެއް މެންބަރުން މަސައްކޮށްފައިވާ ކަމަށެވެ.
އެގޮތުން ވޯޓު ފޮށީގެ ވެރިޔާގެ އެދުމުގެ މަތީން ވޯޓު ކަރުދާސްތައް ރައްކާތެރިކަމާއެކު ވާނީ އަލުން ވޯޓު ފޮއްޓަށް އަޅައި ފޮށި ބަންދުކޮށް ވޯޓުފޮށި ބަހައްޓާ މަރުކަޒަށް ގެންދެވިފައި ކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.
އަދި އޭގެ ފަހުން އެ ދާއިރާގެ ވޯޓު އަލުން ގުނުމަށްޓަކައި އެ ދާއިރާގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން އަދި ކޮންމެ ކެންޑިޑޭޓަކު އެއް މަންދޫބާއެކު 5 ފެބުރުއަރީ 2020 ދުވަހުގެ 14:30 އަށް ޕާޓީ އޮފީހަށް ހާޒިރުވުމަށް ދެންނެވިފައިވާ ކަމަށާއި އެދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އަހުމަދު އާސިމް، (ކެންޑިޑޭޓު ނަންބަރު 3) އާއި އިބްރާހީމް މަނިކު، (ކެންޑިޑޭޓު ނަންބަރު 1) އާއި، މުހައްމަދު ފިޝާވިން ސަލީމް (ކެންޑިޑޭޓް ނަންބަރު 5) އިތުރު ބަޔަކާއެކު ޕާޓީ އޮފީސް ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައިފައިވާ ކަމަށެވެ.
އެގޮތުން ވޯޓުފޮށި ޖަހައިގަނެ އޮފީހުން ބޭރަށް ގެންދިއުމަށް ފަހު ފޮށި ހުޅުވައި އެ ފޮށީގައި ހުރި ވޯޓުކަރުދާސްތައް ނަގައި މަގުމައްޗަށް އުކައި އެހެން ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް އަރައިގެންފައި ވާތީއާއި އެ ކެންޑިޑޭޓުންގެ އެ އަމަލަކީ ޕާޓީގެ މެންބަރުންގެ ސުލޫކާ ހިލާފު އަދި ޕާޓީގެ ނަމުގައި އިންތިހާބީ މަގާމަކަށް ވާދަކުރުމަށް މަސައްކަތްކުރާ ކެންޑިޑޭޓުންގެ ކިބައިން ފެނިގެން ނުވާނޭ ފަދަ އަމަލަކަށް ވާތީ އެ މައްސަލައިގައި ކަންހިނގައިދިޔަ ގޮތަށް ބެލުމަށްފަހު އަހުމަދު އާސިމް (ކެންޑިޑޭޓު ނަންބަރު 3) އާއި އިބްރާހީމް މަނިކު (ކެންޑިޑޭޓު ނަންބަރު 1) އާއި މުހައްމަދު ފިޝާވިން ސަލީމް (ކެންޑިޑޭޓް ނަންބަރު 5) ގެ ކެންޑިޑެސީ ބާތިލުކޮށްފައިވާ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބުނެއެވެ.
ކައުންސިލް އިންތިހާބުގެ ހެންވޭރު ހުޅަނގު ދާއިރާއިން މާލޭ ސިޓީ ކައުންސިލްއަށް އެ ޕާޓީގެ ފަރާތުން ވާދަކުރަން ހަމަޖައްސާފައިވާ ކެންޑިޑޭޓަކީ އާއިޝަތު މޫސާ (ކެންޑިޑޭޓް ނަންބަރު 2) ކަމުގައި ނިންމާފައިވާ ކަމަށްވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ވެއެެވެ.
އާއިޝަތު މޫސާއަކީ އެ ޕާޓީން ވާދަކުރާނޭ ކެންޑިޑޭޓު ކަމުގައި ޕާޓީން ނިންމާފައި އެވަނީ އެ ޕާޓީގެ ޕްރައިމަރީގައި ނެގި ވޯޓުގައި އާއިޝަތު މޫސާ އާއި އަޙްމަދު އާސިމް،(ކެންޑިޑޭޓު ނަންބަރު 3) އަށް އެންމެ މަތީން ވޯޓުލިބި އެ ދެކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައި ވަނިކޮށް ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން އަލުން ވޯޓު ގުނުމަށް ޕާޓީން ނިންމާފައި ވަނިކޮށް 5 ފެބްރުއަރީ 2020 ވަނަ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން އަހުމަދު އާސިމްގެ ކެންޑިޑެސީ ބާތިލުވުމުގެ ސަބަބުން ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެއެވެ.
5 ފެބުރުއަރީ 2020 ދުވަހު ހިންގި ހަމަނުޖެހުމުގައި ބައިވެރިވި އަހުމަދު އާސިމް،(ކެންޑިޑޭޓު ނަންބަރު 3) އާއި އިބްރާހީމް މަނިކު، (ކެންޑިޑޭޓު ނަންބަރު 1) އާއި މުހައްމަދު ފިޝާވިން ސަލީމް (ކެންޑިޑޭޓް ނަންބަރު 5) އާއި އެ ހަމަނުޖެހުމުގައި ޝާމިލުވި ފަރާތްތަކުގެ ސުލޫކީ މައްސަލަ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ މާލެ ދާއިރާއެއްގައި ހަމަނުޖެހުމެއް ހިނގާފައި ވާއިރު، މިދިޔަ މަހުގެ 31 ވަނަ ދުވަހު ގއ ގައި ބޭއްވި ޕްރައިމަރީގައިވެސް ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެގޮތުން ގއ. މާމެންދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ކަރުދާސްތައް އަންދާލައި އެމްޑީޕީ ޕްރައިމަރީގެ ގއ. ރައްޔިތުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް އަލުން ވޯޓުލުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
މައްސަލަ ހޫނުވީ އިދާރީ މޭޒުގައި ހުރި ކަރުދާސްތަކެއް މީހަކު ގޮސް ވީދާލުމާ ގުޅިގެންނެވެ. އެހިސާބުން އެ ސަރަހައްދަށް މީހުން އެއްވިއެވެ. އަދި އަޑުގަދަކުރަން ފެށުމުން ވޯޓުލުން މެދުކަނޑާލިއެވެ. އެގޮތުން އިދާރީ މޭޒު ކައިރިއަށް އެއްވެފައި ތިބި ބައެއް މީހުން ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ. ބައެއް ފަރާތްތަކުން ގެންނަނީ ވޯޓު ފޮއްޓަށް "ވަގު ވޯޓު" އެޅި ކަމުގެ ތުހުމަތުވެސް ކުރަމުންނެވެ.
ޖޯޝުގަ އޯ ކޭ ވާނެ..