އެމެރިކާގެ ރައީސްކަމުގެ މަގާމުން ޑޮނާލްޑް ޓްރަމްޕް އަޒުލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ރިޕަބްލިކަންސްގެ އަޣުލަބިއްޔަތު އޮންނަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް) އިން ނިންމުމާއެކު، ތިރިގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސާ އަދި އިދިކޮޅު ޑިމޮކްރަޓިކް މެމްބަރު ނޭންސީ ޕެލޯސީ، ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.

ރައީސްކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ސެނެޓުން ނިންމި ނިންމުމުބް، ގާނޫނީ އިމުން ބޭރުން ކަންކަން ކުރުމަކީ "އާދައިގެ" ކަމެއް ކަމަށް ހަދާލި ނިންމުމެއްގެ ގޮތުގައި ޕެލޯސީ ވަނީ ސިފަކުރައްވާފައެވެ.

މަގާމުން އަޒުލުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ޓްރަމްޕް ވަނީ، ކޮންމެ އަހަރަކުވެސް އެމެރިކާގެ ރައީސް ދެއްވާ އަހަރީ ހިތޯބުވެސް ގާނޫނު ހަދާ މަޖިލީހުގައި ދެއްވާފައެވެ. މި ތަގުރީރަށްފަހު ޕެލޯސީ ވަނީ ޓްރަމްޕްގެ ތަގުރީރުގެ ކޮޕީ، ރަސްމިއްޔާތު ކުރިއަށް ދަނިކޮށް ވީދާލައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު 2020އަށް ރަސްމީކޮށް ކެމްޕެއިން ފައްޓަވާފަ/ފޮޓޯ: އައުޓްސައިޑް ދަ ބެލްޓްވޭ

ޓްރަމްޕްއާއި ޕެލޯސީގެ ބަހުގެ ހަމަލާތައް ވަރުގަދަވެފައިވާއިރު، އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ދެމިހުންނެވޭ ގޮތް ޓްރަމްޕަށް ވުމުން، ޕެލޯސީވަނީ އަނެއްކާވެސް ޓްރަމްޕަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން، ޓްރަމްޕަކީ އެމެރިކާގެ ޑިމޮކްރަސީއަށް ހުރި ނުރައްކަލެއް ކަމަށް ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

ޕެލޯސީގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ޑިމޮކްރަޓުން ތަމްސީލުކުރައްވާ އިދިކޮޅު ލީޑަރު ޗަކް ޝޫމާވެސް ވަނީ ޓްރަމްޕަށް ފާޑުވިދާޅުވެފައެވެ.

ރިޕަބްލިކަންސް މެމްބަރުން ވިދާޅުވަނީ ކީކޭ؟

ޓްރަމްޕާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުން ޓްރަމްޕް ބަރީއަ ކުރުމަށް ނެގި ވޯޓުގެ ކުރިން ވަރުގަދަ އިންޒާރެއް ދެއްވި އެއް މެމްބަރަކީ ސެނެޓާ ލަމާރް އެލެކްޒެންޑާއެވެ. އޭނާ ވިދާޅުވީ، ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވާ ގޮތަށް ނަގާ ވޯޓަކީ، ގައުމު ބައިބައިކޮށްލަނިވި ވޯޓަކަށް ވެގެންދާނެކަމަށެވެ.

ޔޫއެފްސީ އެމްއެމްއޭ އިވެންޓަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ) އާއިލާއާއިއެކު ވަޑައިގަންނަވަނީ/ފޮޓޯ: ގެޓީއިމޭޖަޒް

ސެނެޓްގައި ރިޕަބްލިކަންސްއިން ތަމްސީލުކުރައްވާ ލީޑަރު މިޗް މެކޯނެލް ވިދާޅުވީ، ޓްރަމްޕް އަޒުލުކުރުމަށް ކުރިއަށްދިޔަ މަސައްކަތަކީ، "ޗަރުކޭހެއް" ކަމަށާ، އެއީ ސިޔާސީ އިމުގެ ތެރެއިން ހެދުނު ބޮޑު ގޯހެއް ކަމަށެވެ.

ލިންޑްސޭ ގްރާމް ވިދާޅުވީ، ޓްރަމްޕް އަޒުލުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކާ މެދު ލަދުގަންނަން ޖެހޭ ކަމަށާ، އެ މަސައްކަތްތައް ފަރުމާކޮށްފައި އޮތީ އެމެރިކާގެ ރިޔާސަތު ހަލާކުކޮށްލުމަށް ކަމަށެވެ.

ކަންމިހެން އޮތްއިރު ރިޕަބްލިކަންސްއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ސެނެޓަރުން ވަނީ ޓްރަމްޕަށް ފާޑުވިދާޅުވެފައެވެ. އެގޮތުން 2012 ވަނަ އަހަރު ރިޔާސީ ކެންޑިޑޭޓު މިޓް ރޮމްނީ ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވާކަމަށް ވޯޓުދެއްވި ސަބަބު ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އާންމުންގެ އިތުބާރު ގެއްލޭ ގޮތަށް ޓްރަމްޕް އަމަލުކުރައްވާފައި ވާކަމަށާ، ވޯޓު ދިނުމަށް ލިބިދީފައި އޮތް ހައްގާ، ގައުމީ ސަލާމަތާ، އަސާސީ ގަބޫލުކުރުންތަކަށްވެސް ޓްރަމްޕް ހަމަލާ ދެއްވިކަމަށް ރޮމްނީ ވަނީ ތުހުމަތުކުރައްވާފައެވެ.

މިހާ ހިސާބުން މައްސަލަ ނިމުނީތަ؟

ޔޫކްރައިންއަށް ނުފޫޒު ފޯރުވައިގެން އިދިކޮޅު ކެންޑިޑޭޓްއަކާ ދެކޮޅަށް ތަހުގީގެއް ހިންގެވުމަށް ޓްރަމްޕް މަސައްކަތްކުރެއްވި ކަމަށް ބުނާ މައްސަލާގައި ޓްރަމްޕްއަށް އަދި ލުއި ލިބޭކަށް ނެތެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފޯނުކޯލެއްގައި/ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ޖުޑީޝަރީ ކޮމިޓީގެ ރައީސް އަދި އިދިކޮޅު ޑިމޮކްރަޓިކް މެމްބަރު ޖެރީ ނެޑްލާ ވަނީ، އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ޓްރަމަޕަށް ލަފާ އަރުވާ މުޝީރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޖޯން ބޯލްޓަން، މިމައްސަލާގައި ހާޒިރުކުރެއްވުން އެކަށީގެންވާކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ޓްރަމްޕް އަޒުލުކުރަން ފެނޭތޯ ބެލުމަށް ސެނެޓުން ކުރިއަށް ގެންދިޔަ ތަހުގީގުގައި، ބޯލްޓަންގެ ބަޔާން ނެގުމަށް ރިޕަބްލިކަން ސެނެޓަރުން ވަނީ އިންކާރު ކުރައްވާފައެވެ.

މަސައްކަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފޮތެއް ޝާއިއުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޯލްޓަން އާންމުކުރައްވާފައިވާ ބައެއް ވާހަކަތަކަށް ބަލާއިރު، ޔޫކްރައިންއަށް ފިއްތުންތައް ކުރިމަތުކުރެއްވުމަށް ޓްރަމްޕް އިރުޝާދު ދެއްވިކަން ދޭހަވާފަދަ ވާހަކަތަކެއް ވަނީ ހާމަވެފައެވެ.