އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޒުލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް، އެ މައްސަލަ ބެއްލުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް)ގައި ކުރިއަށްގެންދިޔަ ތަހުގީގުތަކުން ސާބިތުވެފައިވާކަމަށް ކަނޑައަޅާ، އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް ދުރުކުރަން ނުޖެހޭކަމަށް، ވެރިކަން ކުރާ ރިޕަބްލިކަންސްއަށް އަގުލަބިއްޔަތު އޮންނަ ސެނެޓުން ނިންމައިފިއެވެ.

މައިގަނޑު 2 ނުކުތާއެއްގެ މައްޗަށް ބިނާކޮށް ޓްރަމްޕް އަޒުލުކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، އަދި އިދިކޮޅު ޑިމޮކްރަޓުންގެ ކޮންޓްރޯލް އޮންނަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ނިންމާ، ސެނެޓަށް ފޮނުވި މައްސަލާގައި ސެނެޓުން ހިންގި ތަހުގީގުތަކަށްފަހު ނެގި ވޯޓުގެ ނަތީޖާއަށް ބަލާއިރު، ނަޖާއިޒު ގޮތުގައި މަގާމުގެ ބާރުގެ ބޭނުން ކުރެއްވި ކަމަށް ބުނާ މައްސަލަ ޓްރަމްޕްގެ މައްޗަށް ސާބިތު ނުވާކަމަށް، ސެނެޓްގައި ހިމެނިވަޑައިގަންނަވާ 52 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ސާބިތުވާކަމަށް ވޯޓުދެއްވީ 48 މެމްބަރުންނެވެ. ދެވަނަ މައްސަލައެއްގެ ގޮތުގައި ބެލީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް (ކޮންގްރެސް)އަށް ހުރަސްއެޅުއްވިކަމަށް ބުނާ މައްސަލައެވެ. މިކަންވެސް ޓްރަމްޕްގެ މައްޗަށް ސާބިތު ނުވާކަމަށް ނިންމީ ސެނެޓްގެ 53 މެމްބަރުންގެ ވޯޓުންނެވެ. ސާބިތުވާކަމަށް ވޯޓުދެއްވީ 47 މެމްބަރުންނެވެ.

އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން، މިދިޔަ ޑިސެމްބަރު މަހު ޓްރަމްޕް އަޒުލުކުރައްވަން ނިންމެވީ، އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕްއާއި އެންމެ ގާތުން ވާދަކުރައްވާނެ ޑިމޮކްރަޓިކް ކެންޑިޑޭޓް ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ޖޯ ބައިޑްންއާއި އޭނާގެ އާއިލާގެ މެމްބަރުންނާ ދެކޮޅަށް ޔޫކްރައިންގައި މައްސަލަތަކެއް ބެލުމަށް، ޔޫކްރައިންގެ ރައީސްއަށް ޓްރަމްޕް ނުފޫޒުފޯރުއްވާފައިވާކަމަށް ވިދާޅުވަމުންނެވެ. އެގޮތުން މަގާމުގެ ބާރު ނާޖާއިޒު ގޮތުގައި ހިއްޕަވައިގެން ޔޫކްރައިންއަށް ފިއްތުންތައް ކުރިމަތިކުރެއްވިކަމުގެ ތުހުމަތުވެސް ޓްރަމްޕާ ދެކޮޅަށް ފެންމަތިކުރި މަންޒަރުވަނީ ފެނިގެން ގޮސްފައެވެ.

އެމެރިކާގެ ރައީސުން އަޒުލުކުރުމުގެ ތާރީހު

މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ޓްރަމްޕް އިއުލާންކުރައްވާފައިވާއިރު، އޭނާއަކީ އެމެރިކާގެ ތާރީހުގައިވެސް ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އަޒުލުކޮށްފައިވަނިކޮށް އިންތިހާބެއްގައި ވާދަކުރައްވާނެ ފުރަތަމަ ރައީސްއެވެ.

ޓްރަމްޕްއަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އަޒުލުކުރި 3 ވަނަ ރައީސްއެވެ. މީގެ ކުރިން 1999 ވަނަ އަހަރު ބިލް ކްލިންޓަން އަޒުލުކޮށްފައިވާއިރު، 1868 ވަނަ އަހަރު އެންޑްރޫ ޖޯންސަންވެސް ވަނީ އަޒުލުކޮށްފައެވެ. ނަމަވެސް އެ ބޭފުޅުންވެސް ދައުރު ހަމަވަންދެން މަގާމުގައި ހުންނެވީ، އަޒުލުކުރަން ނުފެންނަ ކަމަށް ސެނެޓުން ނިންމާފައި އޮތުމުންނެވެ.

ރިޗަޑް ނިކްސަން ވަނީ އަޒުލުކުރުމުގެ ވޯޓާ ހިސާބަށް ދިއުމުގެ ކުރިން އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.