އެމްއެމްއާރް ވެކްސިންގެ ސަބަބުން ބައްޔެއް ނުޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެމްއެމްއާރް ވެކްސިންގެ ސަބަބުން ބައްޔެއް ނުޖެހޭނެ ކަމަށް ބުނެ އެޗްޕީއޭން މިއަދު ޓްވީޓްކޮށްފައި ވަނީ މި ވެކްސިން ޖެހުމުގެ ސަބަބުން ބަލިތައް ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ދެކެމުންދާތީ ކަމަށް ބެލެވެއެވެ.

އެޗްޕީއޭން ބުނީ، ކޮންމެ ވެކްސިނެއް ދިނުމަށްފަހުވެސް ބައެއްކަހަލަ ކަންތައްތައް ދިމާވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން އެމްއެމްއާރު ވެކްސިން ދިނުމަށްފަހު އާންމުކޮށް ދިމާވާ ކަންކަމަކީ ކޯދުޅަވުން، ހުންއައުން އަދި ކުދި ބިހި ތަކެއްނެގުން ކަމަށް އެޗްޕީއޭން ބުނެއެވެ.

އެމްއެމްއާރު ވެކްސިން އިން ރައްކާތެރި ކޮށްދޭ ބަލިތަކުގެ ތެރޭގައު ކޯފުއްޕި، ރުބެއްލާ، ހިމަބިހި، ބަނޑުގައި އޮންނަ ދަރިފުޅަށް ކޮންޖިނެންޓަލް ރުބެއްލާ ހިމެނެއެވެ. އެޗްޕީއޭން ބުނީ މަދު ދުވަސްކޮޅަކަށް ފެންނަ އަލާމާތްތަކައްވުރެ ވެކްސިން ޖެހުމުން އޭގެ މަންފާ މާބޮޑު ކަމަށެވެ.

އެޗްޕީއޭން މިފަދައިން ބުނެފައިވާއިރު، ދާދި ފަހުން ރާއްޖޭގައި ވަނީ ހިމަބިހި ފެތުރެން ފަށާފައެވެ. އަދި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން އިއުލާން ކޮށްފައިވާއިރު، އެންމެ ފުރަތަމަ ހިމަބިހި ޖެހިފައި ވަނީ އުމުރުން 3 އަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާއަކީ ތުއްތު އިރުއްސުރެ ވެކްސިން ޖެހުމުން މަހުރޫމުކޮށްފައިވާ ކުއްޖެއް ކަން ވެސް ހާމަ ވެގެން ދިޔައީ، އެ ކުއްޖާ ހިމަ ބިއްސަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މީގެ އިތުރުން ވެސް ރާއްޖޭގައި، ވެކްސިން ނުޖަހާ ގެންގުޅޭ އެތައް ކުދިންނެއް އެބަތިއްބެވެ.