ހަމައެކަނި ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުގައި އިންނެވި ޝިދާތާ ޝަރީފް މަގާމުން ވަކިކުރުމަކުން ނުފުދޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ގޮވާލައްވައިފިއެވެ.
ދަރުމަވެރިޔާ އަދި ކުރީގެ ޑިސެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް އެނގި ތިބެ، އުމުރުން 19 އަހަރުގެ ނުކުޅެދުންތެރިކަން ހުރި ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު މައްސަލައިގައި ޖެންޑާ މިނިސްޓްރީ އިހުމާލު ވެފައިވާކަން ވަނީ އިއްޔެ ހައި ކޯޓުގައި ބޭއްވި ޝަރީއަތުގައި މަޖިލީހުގައި ހާމަވެފައެވެ.
މިއަދު މަޖިލީހުގައި ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން ހިޝާންގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީން ވެފައިވާ އިހުމާލުތައް ބަލަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ، އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.
މިކަމަށް ރައްދު ދެއްވަމުން ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް ވިދާޅުވީ، މިމައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބެލިއިރު ކޮމިޓީއަށް ސައްހަ މައުލޫމާތު ނުދިން ހުރިހާ ފަރާތްތަކުގެ މައްސަލަވެސް ބަލާ އެފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އަދި މަގާމުން ވަކި ކުރަން ޖެހޭނީ ހަމައެކަނި ޝިދާތާ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ރައީސްގެ އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާޕާސަން އަނީސާ އަހްމަދު ވިދާޅުވެފައި ވަނީ، ހިޝާނަށް 2014 ވަނަ އަހަރު އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން؛ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ހިދްމަތް ކުރުމާއި، ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމުގައި ވެސް ކުށުގެ ރެކޯޑެއް ނެތްކަން ފުލުހުންގެ ފަރާތުންނާއި ކޯޓުންވެސް ކަށަވަރު ކޮށްފައިވާނެ ކަމަށެވެ.