މިއަދުން ފެށިގެން 5 ދުވަހުގެ މުއްދަތަށް އިންޑިއާގެ ލަކްނޯގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ޑިފެކްސްޕޯ"ގެ މަގުސަދަކީ، ދިފާއީ ރޮނގުން ބޭނުންވާ އެންމެ ޒަމާނީ އާލާތްތަކާ ވަސީލަތްތައް ފޯރުކޮށްދޭ ދުނިޔޭގެ ފެންވަރުގެ ހަބަކަށް ގައުމު ހެދުން ކަމަށް އިންޑިއާއިން ބުނެފިއެވެ.

"ޑިފެކްސްޕޯ"ގެ 11 ވަނަ އެޑިޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެންމެ ޒަމާނީ ޓެކްނޮލިޖީގެ ޒަރިއްޔާއިން ދިފާއާ ގުޅޭ ކަންކަމަށް، އެއް ޕްލެޓްފޯމަކުން ހައްލު ހޯދާ ދިނުމަށް ކަމަށް އިންޑިއާއިން ބުނެއެވެ. ވަކިން ހާއްސަކޮށް ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިފާއީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަކީ އިންޑިއާގެ އަމާޒެއް ކަމަށް އެގައުމުން ބުނެއެވެ.

"ޑިފެކްސްޕޯ"ގެ 11 ވަނަ އެޑިޝަން ލަކްނޯގައި ކުރިއަށްދާއިރު، އިންޑިއާ އަސްކަރިއްޔާއިން ބޭނުންކުރަމުންދާ އެންމެ ޒަމާނީ ޓެކްނޮލިޖީގެ އާލާތްތަކާ އުކުޅުތައްވެސް ދައްކާލާނެ ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން އިންޑިއާގައި ދިފާއީ ރޮނގުން ބޭނުންވާ ސަމާނު އުފެއްދުމުގައި ހަރަކާތްތެރިވާ 856 ކުންފުންޏެއްގެ އުފެއްދުންތައްވެސް މި އެކްސްޕޯގެ ތެރެއިން ފެނިގެންދާނެ ކަމަށް އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންހް ވަނީ ހާމަކުރައްވާފައެވެ.

ލަކްނޯ "ޑިފެކްސްޕޯ"ގެ 11 ވަނަ އެޑިޝަންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 ގައުމަކުން 172 އަސްކަރީ މެނުފެކްޗަރިންގް ފާމްގެ އުފެއްދުންތައް ފެނިގެންދާނެއެވެ.

އިންޑިއާ ސަރުކާރުން ގެންގުޅޭ "މޭކް އިން އިންޑިއާ" ސިޔާސަތުގެ ދަށުން، ދިފާއީ ދާއިރާއިން ބޭނުންވާ އާލާތްތަކަކީ އެގައުމުގައި އުފައްދާ ތަކެއްޗަށްވާއިރު، އިންޑިއާގެ އަސްކަރީ ދާއިރާ އޮތީ އެފަދަ ތަކެތި އެކްސްޕޯޓް ކުރަންވެސް ތަރައްގީވެފައިކަން އަންގައިދިނުމަކީ އިންޑިއާގެ އަމާޒެއް ކަމަށް އެގައުމުން ބުނެއެވެ.

ގައުމުތަކާ އިންޑިއާއާއި ދެމެދު ދިފާއީ ރޮނގުން އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން، "ޑިފެކްސްޕޯ"ގެ 11 ވަނަ އެޑިޝަންގައި ދުނިޔޭގެ އެކި ހިސާބުތަކުން 40 އަށްވުރެ ގިނަ ގައުމުގެ ދިފާއީ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެކަން، އިންޑިއާގެ ދިފާއީ ވަޒީރު ވަނީ ހާމަކުރައްވާފައެވެ. ރާއްޖޭގެ ހާރިޖީ ވަޒީރު މާރިޔާ އަހުމަދު ދީދީވެސް ގެންދަވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.