ސުލްހައިގެ މަޝްވަރާތައް ދިގުލާދަނީ އެމެރިކާގެ ސަބަބުން ކަމަށް ބުނެ، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުން އެމެރިކާއަށް ފާޑުކިޔައިފިއެވެ.

ތޯލިބާން ޖަމާއަތުން ކުރި ޓްވީޓްއެއްގައި ބުނެފައިވަނީ އެމެރިކާއިން އަފްގާނިސްތާނުގައި ކުރަމުންދާ 18 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނެސް، އެގައުމުގައި ހަރަކާތްތެރިވާ ބޭރުގެ އަސްކަރީ ފައުޖުތަކުން އެގައުމު ދޫކޮށް ދިއުމުގެ ކަންކަމާ ގުޅިފައިވާ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ނުގެންގޮސް ހިފަހައްޓަނީ އެމެރިކާ ސަރުކާރުން ކަމަށެވެ.

ތޯލިބާނުންގެ ވަފުދެއް ވަނީ އަފްޣާނިސްތާނުގެ ސަރުކާރުގައި ހިމެނިވަޑައިނުގަންނަވާ ސިޔާސީ ލީޑަރުންނާ މިދިޔަ އަހަރުގެ ކުރީކޮޅުވެސް ރަޝިޔާގައި ބައްދަލުކޮށްފަ/ފޮޓޯ: އަނަދޯލޫ

ތޯލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ކުރި ޓްވީޓްއެއްގައި ބުނެފައިވަނީ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމުގެ ނިޔަތާ ގާބިލިއްޔަތުކަން އެ ޖަމާއަތަށް ލިބިގެންވާކަމަށެވެ. އަދި އެމެރިކާގެ ހާރިޖީ ވަޒީރު ގެންގުޅުއްވާ އިލްޒާމް އެޅުވުމުގެ ރޫހަށްވެސް ބަދަލުތަކެއް ގެންނަންޖެހޭކަން މުޖާހިދު ވަނީ ފާހަގަކޮށްފައެވެ.

ތޯލިބާނު ހަނގުރާމަވެރިންނާ އެމެރިކާއާ ދެމެދު ކުރިއަށްދާ ސިލްސިލާ ސުލްހައިގެ މަޝްވަރާތައް އަދިވެސް ކޮޅެއްގައި ނުޖެހި އޮތްއިރު، މި އެއްބަސްވުން ކާމިޔާބުވެއްޖެނަމަ، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެގައުމުން ފައިބަންޖެހެއެވެ. ބަދަލުގައި ތޯލިބާނުން ކަށަވަރުކޮށްދޭން ޖެހޭނީ ސުލްހަވެރި ވެއްޓެކެވެ.

ތޯލިބާނުން ގަބޫލުކުރާ ގޮތުގައި އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދަނީ ޣައިރު ގާނޫނީ ސަރުކާރެކެވެ. އެހެންކަމުން ސުލްހައިގެ މަޝްވަރާތަކުގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވުމުގެ ފުރުސަތެއް ތޯލިބާނުން، އަފްގާން ސަރުކާރަށް ދީފައެއް ނުވެއެވެ.