އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަހަރަކު 1 ފަހަރު ގާނޫނު ހަދާ މަޖިލީހުގައި ދެއްވާ 'އަހަރީ ހިތޯބު' ގެ މިއަހަރުގެ ހިތޯބު، ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވާ ނިންމަވާލެއްވުމާއެކު، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް)ގެ ރައީސް ނޭންސީ ޕެލޯސީ، ޓްރަމްޕްގެ ތަގުރީރުގެ ކޮޕީ، ލައިވް ސްކްރީންގައި ވީދާލައްވައިފިއެވެ.

ޕެލޯސީ މި އަމަލު ހިންގަވާފައިވަނީ، ހިތޯބު ދެއްވާ ނިންމަވާލެއްވުމުން، ޓްރަމްޕާ ސަލާމް ކުރެއްވުމަށް ކުރެއްވި އިޝާރާތަށް ޓްރަމްޕް އިންކާރު ކުރެއްވުމުން ކަމަށް މީޑިއާގައި ދަނީ ވަކާލާތު ކުރަމުންނެވެ.

ޓްރަމްޕް ތަގުރީރު ދެއްވަމުން ގެންދެވިއިރު، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ވަނީ މަޖިލީހުގެ ތަޅުމުން ބޭރަށްވެސް ނިކުންނަވާފައެވެ. ނަމަވެސް ޓްރަމްޕް ވަނީ ވާހަކަފުޅު މެދުކަނޑާނުލައްވާ، 1 ގަޑިއިރާ 18 މިނެޓް ވަންދެން، ގައުމާ މުހާތަބު ކުރައްވާ ތަގުރީރުކުރައްވާފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ޓްރަމްޕްގެ އަހަރީ ހިތޯބު ނުވަތަ 'ސްޓޭޓް އޮފް ދަ ޔޫނިއަން' އެޑްރެސް ދެއްވާފައިވާ މި ދަނޑިވަޅަކީ، ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ތާއީދާއެކު، އެމެރިކާގެ ރައީސްކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރުމަށް ނިންމާ، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓްއިން އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެކެވެ. ނަމަވެސް މިކަމާ ބެހޭ އެއްވެސް ވާހަކައެއް ޓްރަމްޕެގެ އަހަރީ ހިތޯބުގައި ފާހަގަކުރައްވާފައެއް ނުވެއެވެ.

ސެނެޓްއިން ބަލަމުންދާ މިމައްސަލައާ ގުޅޭ ބައްދަލުވުމެއް މާދަމާގެ ވަގުތެއްގައި އޮންނާނެއެވެ.

ޓްރަމްޕްގެ ހިތޯބުގެ ކޮޕީ ވީދާލައްވާފައިވާތީ، ވައިޓް ހައުސްއިންވަނީ ޕެލޯސީއަށް ފާޑުކިޔާ، ޓްވީޓްއެއްކޮށްފައެވެ.