ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލާފައިވާ ކަމަށެވެ.

މިރޭ އެ ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިރެއިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ގެ ނިޔަަލަށް އޮންނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭޕްރިލް މަހުގެ ހަތަރެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިހާބު ކަމަށާއި އިންތިހާބުގައި ދެ އިންތިހާބެއް ކުރިއަށްދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމުގެ އިންތިހާބެވެ.

އަކްރަމް ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި 6،000 ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ޕްރައިމަރީ ބާއްވާފައެވެ. ގއ. އަތޮޅު އެމްޑީޕީ ޕްރައިމަރީގައި ޖެހުނު ހަމަނުޖެހުންތަކާ ގުޅިގެން އެ އަތޮޅުގެ މުޅި ޕްރައިމަރީ ބާތިލްކޮށް އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. މީގެއިތުރުން އިދިކޮޅު ޕީޕީއެމްގެ ޕްރައިމަރީ ވެސް އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.