ދިވެހިން ކެރެލާއަށް ދަތުރު ނުކުރަން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގެ ކެރަލާ ސްޓޭޓުގައި ނޮވެލް ކޮރޯނާ ވައިރަހަށް ތިން މީހަކު ޕޮޒިޓިވްވުމާއެކު، އެ ސްޓޭޓުން ވަނީ "ސްޓޭޓް އޮފް ކެލެމިޓީ" އިއުލާންކޮށްފައި ކަމަށެވެ. އެ ހާލަތު ދެމިއޮތްހާ ހިނދަކު، ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު، މި ވަގުތު އިންޑިއާގެ އެކި ސްޓޭޓުތަކުގައި އަދި ވަކިން ހާއްސަކޮށް ކެރަލާ ސްޓޭޓުގައި ދިރިއުޅޭ ދިވެހިން އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިން ފޮރިން މިނިސްޓްރީ ނުވަތަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީވުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށާއި އަމަލުކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.