ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، މިރޭ ހުޅުމާލޭގެ ރެޑްބުލް ދަނޑު ކައިރިން 3 މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު މިރޭ 8:10 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައި ވަނީ ޗައިނާ ދެ ފިރިހެނުންނަށާއި އޮސްޓްރޭލިއާ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

މިހާތަނަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންނަށް ހަމަލާ ދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އަނިޔާވި މީހުންނަށް އެވަގުތު އެ ސަރަހައްދުން އާންމުންގެ ބަޔަކު އެހީވި ކަމަށާއި އަދި އެމީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. މިހާރު އެމީހުން ގެނދިޔަ ހޮސްޕިޓަލުން ދަނީ ފަރުވާ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އަނިޔާވި ތިން މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި އނަިޔާވި ތިން މީހުންގެ ތެރެއިން ޗައިނާ އެކަކަކީ ފަތުރުވެރިއެއް ކަމަށާއި އަނެއް ދެމީހުންނަކީ ރާއްޛޭގައި މަސައްކަތް ކުރާ ދެ ބިދޭސީން ކަމަށެވެ.

މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން މިރޭ 3 މީހަކަށް ހަމަލާ ދީފައިވާ އިރު ދާދި ފަހުން ވަނީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަަކަށް ތޫނު އެއްޗަކުން ހަމަލާދީފައެވެ. މި ހާދިސާގައި އަނިޔާވި ޑްރައިވަރު ވަނީ މަރުވެފައެވެ.