އިންޑިއާއިން ދިން ހެލިކަޕްޓަރުތަކަކީ ރާއްޖެއަށް ދިން ހަދިޔާއެއް ނޫން ކަމަށާއި އެއީ "ޓްރޯޖަން ހޯސް" އެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލް ޓްވީޓާ އެކައުންޓުން ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އެމްބަސީން ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރުތައް ހުންނަނީ ރާއްޖޭގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ކަމަށާއި މިހާތަނަށް އެ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން 250 މީހުންގެ ފުރާނަ ސަލާމަތްކޮށްފައިވާ ކަމަށެވެެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ، އިންޑިއާގެ ސައުތް ވެސްޓް ބޯޑަރު ހިމާޔަތް ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމަކާއި އެކަމާ ގުޅިގެން ދޭންޖެހޭ އެހީތެރިކަން ރާއްޖެއިން ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް އިންޑިއާއިން ރާއްޖެއަށް ފޮނުވި ސިފައިންނާއި މިލިޓަރީ ހަތިޔާރުތައް މި ފަސްގަނޑުން ބޭލުމަށް އޭނާ ގޮވާލެއްވިއެވެ. އަދި އެ ހެލިކޮޕްޓަރަކީ ހަދިޔާއެއް ނޫން ކަމަށާއި އެއީ "ޓްރޯޖަން ހޯސް" އެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، އިންޑިއާއާއި ރާއްޖެއާ ދެމެދު އަބަދުވެސް އަހުވަންތަކަމުގެ ގުޅުން އޮންނަން ޖެހޭ ކަމަށާއި އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އިންޑިއާއަކީ ވަރަށް ބޮޑު ގައުމެއް ކަމަށާއި އަވަށްޓެރި ގައުމެއް ކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ، ރާއްޖެއަށް އެހީ ފޯރުކޮށްދޭ އިހްލާސްތެރި އެކުވެރި ގައުމަކަށް އިނޑިއާ ވީ ހިނދު އެމީހުންގެ ރައްކާތެރިކަމަށްޓަކައި ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން ވާނެ ކަމަށެވެ.
އެހެންކަމުން މި ސަރަހައްދު ބޭނުންކޮށްގެން އިންޑިއާއަށް ބިރުވެރިކަން އުފެދޭ ކަހަަލަ އެއްވެސް ކަމެއް ވިޔަ ދީގެންވެސް ނުވާނެ ކަމަށާއި އެމީހުންނާއެކު ޖޮއިންޓް އިގްތިސޯދު ވެސް ހަދަންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އެކަމަކު ރާއްޖޭގައި ދާއިމީކޮށް އިންޑިއާ ސިފައިން ހަތިޔާރާ އެއްކޮށް ތިބެގެން ނުވާނެ ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަމާ ހިސާބަށް އަރައިގަތުން ކަމަށް އުމަރު ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރަކީ "ޓްރޯޖަން ހޯސް" އެއް ގޮތުގައި އުމަރު ސިފަކުރެއްވީ އެ ހެލިކަޕްޓަރާއެކު އިންޑިއާ ސިފައިންގެ ފައުޖެއް އައިސްގެން އުޅޭތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.
ޓްރޯޖަން ހޯސްއަކީ މީގެ އެތައް އަހަރުތަކެއް ކުރީގައި ގްރީސްއިން މިނިވަން ސީޓީއެއް ކަމަށްވާ ޓްރޯއީއާ ދެމެދު ކުރި ހަނގުރާމައިގައި ކާމިޔާބީ ހޯދުމަށް މެދުވެރިއަކަށް ބޭނުންކުރި ލަކުޑިން ފަރުމާކޮށްފައިވާ ބޮޑު އަހެކެވެ. ހަނގުރާމައިގައި ގްރީސުން ބަލި ގަބޫލުކޮށް ފުރައިގެންދާ ކަމަށް ހަދައެވެ. އެހިސާބުން ޓްރޯއީ ސިޓީގެ މީހުންނަށް ކާމިޔާބީ ލިބިއްޖެ ކަމަށް ގަބޫލުކުރެވެއެވެ.
ގްރީސް މީހުން ހަނގުރާމައިގެ މައިދާނުގައި ގެންގުޅު ބޮޑު ލަކުޑި އަސް ބަހައްޓާފާއި ދިއުމުން އެ އަސް ޓްރޯއީ ސިޓީ ތެރެއަށް ވައްދައެވެ. ނަމަވެސް ލަކުޑިން ހަދާފައިވާ ބޮޑު އަހުގެ ތެރޭގައި ގްރީސްގެ އެތައް ހަނގުރާމަވެރިންނެއް ފިލައި ތިބި ކަން ޓްރޯއީގެ ރައްޔިތުންނަކަށް ނޭނގެއެވެ. ރޭގަނޑުވުމުން އެ އަހުގެ ތެރޭގައި ތިބި ސިފައިން ބޭރަށް ނުކުމެ އެ ސިޓީގެ މައި ގޭޓު ހުޅުވުމަށްފަހު ގްރީސްގެ އިތުރު ހަނގުރާމަވެރިން ވަދެ މުޅި ސިޓީ ސުންނާފަތި ކޮށްލައެވެ. މިއީ އެ ބުނާ ޓްރޯޖަން ހޯސް ގެ ވާހަކައެވެ.