"ދިއްލީ ގޭންގް ރޭޕް"ގެ ގޮތުގައި މުޅި ދުނިޔެ ސިއްސުވާލި ޖަރީމާ ހިންގުމުގެ އަމަލުގައި ބައިވެރިވި 4 މީހުންވެސް މިހާރު ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދަނީ އެމީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ވިޔަ ނުދިނުމަށްޓަކައި ގާނޫން ލިބެން އޮތް ހުރިހާ ފުރުސަތެއްގެ ބޭނުންކުރަމުން ކަމަށާ، މިއީ ވަރަށް ރާވައިގެން ކުރަމުން އަންނަ ކަމެއް ކަމަށް އިންޑިއާގެ ސޮލިސިޓާ ޖެނެރަލް ތުޝާރު މެހެތާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހައިކޯޓުގައި ހުންނަވާ، ފަނޑިޔާރު ސުރޭޝް ކާއިތުއާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ސޮލިސިޓާ ޖެނެރަލް މެހެތާ ވިދާޅުވީ، މައާފު ހޯއްދުމުގެ ޕެޓިޝަނެއް، މިމައްސަލާގައި ދައުވާ ލިބޭ ޕަވާން ގުޕްތާގެ ފަރާތުން ހުށަހަޅާފައި ނުވަނީ ގަސްތުގައި ކަމަށާ، އެއީ ވަރަށް ދުރާލާ ކަންތައްތަކެއް "ހިސާބުކޮށްގެން" ހިންގާ ޖަރީމާއެއް ކަމަށެވެ.

މައްސަލާގައި ދައުވާ 4 މީހުންވެސް އަމަލުކުރަމުންދަނީ އަދުލު އިންސާފުގެ ނިޒާމުން ނެގެން ހުރިހާ ނާޖާއިޒު ފައިދާއެއް ނަގާ، ގައުމުގެ ކެތްތެރިކަން އިމްތިހާނު ކުރަމުން ކަމަށްވެސް މެހެތާ ވަނީ ވިދާޅުވެފައެވެ.

އަންހެނަކު ރޭޕްކޮށް އެ އަނިޔާގައި އޭނާގެ ފުރާނަ ގެއްލުނު ހާދިސާ އާއި ގުޅިގެން، ރޭޕް ކުރުމާ، ގަސްތުގައި މީހަކު މެރިކަމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ އަކްޝޭ ސިންހް، 31، ވިނޭ ޝަރުމާ، 26، ޕަވާން ގުޕްތާ، 25، ގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރަނީ އެޑްވޮކޭޓް އޭޕީ ސިންހްއެވެ. މުކޭޝް ސިންހް، 32، ފަރާތުން ކޯޓުގައި ވަކާލާތު ކުރަނީ ސީނިއާ އެޑްވޮކޭޓް ރެބެކާ ޖޯންއެވެ.

މިހާރު ކޯޓުގައި ކުރިއަށްދަނީ މަރުގެ ހުކުމް އިއްވާފައިވާ 4 މީހުންގެ އިސްތިއުނާފީ މައްސަލަތަކާ ދެކޮޅަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތަކެވެ.