އައިޖީއެމްއެޗުގެ މެންޓަލް ހެލްތް ސެންޓަރުން މިދިޔަ އަހަރުގެ ނިޔަލަށް 6160 މީހުން ފަރުވާ ހޯދާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ނަފްސާނީ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މިދިޔަ މާޗް މަހު، އައިޖީއެމްއެޗްގައި ގާއިމުކުރި ސެންޓާ ފޯ މެންޓަލް ހެލްތުން މިދިޔަ އަހަރުގެ ނިޔަލަށް، 6160 މީހަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގައި ސައިކެޓްރީ ވޯޑެއް މުޅިން އަލަށް ގާއިމުކޮށް، މިއަހަރުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ބޭސްފަރުވާއަށްޓަކައި މާލެ އަންނަން، ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމަށް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން، ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިވާ ކަމަށެވެ. އަދި އެއީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ހާއްސަ ބަލިބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ތަރައްގީ ކުރުމަށް، މިއަހަރުގެ ތެރޭގައި މުހިންމު މަޝްރޫއުތަކެއް ރޭވިފައި ހުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ކަމަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި މިއަހަރު އަޅަން ފަށާ، ކެންސަރު ހޮސްޕިޓަލް ހިމެނެއެވެ. އަދި އައިޖީއެމްއެޗުގައި ކިޑްނީ ބަދަލު ކުރުމުގެ ހިދުމަތް، މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައިވަނީ، މިއަހަރަކީ އާންމު ސިއްހަތުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅައިގެން، ގައިން ގަޔަށް ނާރާ ބަލިތަކުން އާންމު ރައްޔިތުން ސަލާމަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެގޮތުން، ކޮމިއުނިޓީ ހެލްތް ވޯކަރުންގެ ވިއުގައެއް ގާއިމްކޮށް، އެ ހިދުމަތްތައް ފުރިހަމައަށް ހިންގަން ފެށުމަކީ މިއަހަރު ކުރެވޭނެ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އިސްރަށްވެހިންގެ ހިޔާ ގާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް، ބަންދުގެ މުއްދަތުގައި ފަރުވާދިނުމަށްޓަކައި، ރިމާންޑް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.