އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، 373 ޝަކުވާއެއް ހުށަހަޅައިފިއެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވަލާފައި ވަނީ މިދިޔަ މަހު 20 ވަނަ ދުވެހެވެ. އަދި މި ފުރުސަތު ހުޅުވާލީ އިއްޔެގެ ނިޔަލަށެވެ.

ވޯޓާސް ލިސްޓުގައި ބުނާގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި 269،562 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހެވެ. މި އިންތިހާބުގައި ރާއްޖޭގެ ކޮންސިއުލޭޓްއެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ، ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ. އަދި ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމަށް 25 މީހުން ރަޖިސްޓްރީވާން ޖެހޭއިރު، ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުން ރަޖިސްޓްރީ ކޮށްފައިވާނަމައެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.