މަޝްހޫރު ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރާޔަންޓްއާއި އޭނާގެ އަންހެން ދަރިފުޅު އަދި އުއްމީދީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ޖީޖީވެސް ހިމެނޭ ގޮތަށް ޖުމުލަ 9 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ލޮސް އެންޖަލީސްގެ ފަރުބަދަމަތީ ސަރަހައްދަކަށް ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ޝާމިލުވާ ހެލޮކޮޕްޓަރު ކުންފުންޏަކީ، ދުންފިނީގައި އޮޕަރޭޓް ކުރުމުގެ ލައިންސަންސް އޮންނަ ބައެއް ނޫންކަން ހާމަވެއްޖެއެވެ.

މި ހާދިސާގައި ކޯބީއާއި އޭނާގެ އަންހެން ދަރިފުޅާއެކު ހެލިކޮޕްޓަރުން ދަތުރުކުރި އެންމެންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އައިލަންޑް އެކްސްޕްރެސް ހެލިކޮޕްޓާޒް ކުންފުންޏަށް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައި އޮންނަނީ، ހެލިކޮޕްޓަރު ދުއްވަން އިންނަ ޕައިލެޓެއްގެ ލޮލަށް ދުރުސާފުކޮށް ފެންނަން އޮންނަ ހާލަތްތަކުގައި އެކަންޏެވެ. ހާދިސާ ހިނގި ވަގުތު ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓަކީ، ކޮކްޕިޓް ތެރޭގައި ހުންނަ އާލާތްތަކަށް ބަރޯސާވެގެން ފްލައިޓް އޮޕަރޭޓް ކުރުމުގެ ލައިސަންސް އޮންނަ ޕައިލެޓެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމުގައި އޭނާއަށް މާބޮޑު ތަޖުރިބާއެއް ލިބިފައި ނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ. އެއީ ކުންފުންޏަށް ލިބިފައި އޮންނަ ލައިސަންސްއިން އޮޕަރޭޝަންތަކަށް ހުއްދަ ލިބޭ މިންވަރު ހަނިކޮށްފައި އޮތުމުން ކަމަށްވެއެވެ.

ކޯބީ ބްރާޔަންޓް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ހިނގި ވަގުތަކީ އެ ސަރަހައްދަށް އިންތިހާއަށް ދުންފުނި ބޯވެފައިވާ ވަގުތެކެވެ. ހާދިސާ ހިނގި ވަގުތު އެސަރަހައްދުގައި ތިބި ބައެއް މީހުން ބުނި ގޮތުގައި ވެއްޓުނު ހެލިކޮޕްޓަރު ހޯދުމަށްވެސް އުނދަގޫވާ ދަރަޖައަށް ދުންފުނީގެ އަސަރު ހުއްޓެވެ. ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ މިހާދިސާ ހިނގަން މެދުވެރި ސަބަބު ކަށަވަރު ކުރަމުންނެވެ.

މި ހާދިސާއާއި ގުޅިގެން މުވައްޒަފުންނަށް ބޮޑު ޝޮކެއް ލިބިފައިވާކަމަށާ، މުވައްޒަފުންނާ ކަސްޓަމަރުންގެ އިތުބާރު އާލާވަންދެން އެ ކުންފުނީގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާކަން އައިލަންޑް އެކްސްޕްރެސް ހެލިކޮޕްޓާޒް އިން މިހާރު ވަނީ ހާމަކޮށްފައެވެ.