މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެކެއްގެ ގައިން އަނެކެއްގެ ގަޔަށް 2019-އެންކޯވް ކޮރޯނާވައިރަސް ފެތުރެނީ ފްލޫ ފަދަ، ނޭވާލާ ނިޒާމަށްބެހޭ އެހެނިހެން ބަލިތަކެކޭވެސް އެއްގޮތަށް، ވައިރަހުގެ އަސަރުކޮށްފައިވާ މީހެއްގެ ގާތުގައި އުޅުމުންނެވެ.

ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި، އެކެއްގެ ގައިން އަނެކެއްގެ ގަޔަށްމި ވައިރަސް ދަތުރު ކުރެއެވެ. އެހެނީ، ކެއްސުމާ ކިނބިހިއެޅުމަކީ އިންސާނާގެ ހަށިގަނޑުން ދިޔާ މާއްދާތަކެއް (ކުޅާ އަރިދަފުހުގެ ގޮތުގައި ވިއަސް) ބޭރުވެގެންދާ ކަންކަމަށް ވާތީއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ކެއްސާ، ކިނބިހިއަޅާއިރު ހަށިގަނޑުން ބޭރުވާ ދިޔާ މާއްދާގެ ތިކިތައް އެތައް ފޫޓެއްގެ ދުރަށް މިނަށް ދަތުރުކުރެއެވެ. އަދި ވައިގެ ތެރޭގައި 10 ވަރަކަށް މިނެޓް ވަންދެން ހަރުލާފައިވެސް ހުރެއެވެ.

ދެވަނަ މީހެއްގެ ގަޔަށް މި ވައިރަސް ދަތުރުކުރާ އިތުރު ގޮތަކަށް ބަލާއިރު އިންފެކްޓްވެފައިވާ މީހަކާ ސީދާ ގޮތުން ގާތްވުން، މިސާލަކަށް ހަމާ ހަން ޖެހުން ފަދަ ގޮތަކަށް ބީހުން ހިމެނެއެވެ. މީގެ އިތުރުން، އިންފެކްޓްވެފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ސަބަބުން ހަށިގަނޑުން ބޭރުވި ދިޔާ މާއްދާގެ ތިކިތައް ޖެހި، އެ ވައިރަހުގެ އަސަރު ހަރުލާފައި ހުރި ތަނެއްގައި އަތް ލެވުމަށްފަހު، ދެވަނަ މީހާގެ މޫނު ފަދަ ގުނަވަނެއްގައި އެ އަތް ސާފުނުކޮށް ޖެހުމުން ދެވަނަ މީހާވެސް އިންފެކްޓްވުމުގެ ފުރުސަތު އޮވެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސިޓީ ސަރަހައްދުން އުފެދިގެން އައި ކޮރޯނާވައިރަހުގެ އާއިލާގެ އާ މެމްބަރު ނުވަތަ 2019-އެންކޯވް ޖައްސާ ވައިރަސް، ތަނެއްގައި ޖެހުމަށްފަގު ހަރުލާ ހުންނަނީ ކިހާ ވަގުތެއް ވަންދެކަށް ކަމެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އެހެން ވައިރަސްތަކަށް ބަލާއިރު ބައެއް ވައިރަހަކީ މަދު ގަޑިއިރު ކޮޅެއް ވަންދެން އޭގައި ދިރުން ހުންނަ ވައިރަސްތަކަށް ވާއިރު، އަނެއް ބައި ވައިރަހުގެ އަސަރު އެތަނެއްގައި އެތައް މަހެއް ވަންދެކަށްވެސް ހަރުލާފައި ހުރެއެވެ.

ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިންވެސް 2019-އެންކޯވް ވައިރަހަށް މީހާ ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ވައިރަހަށް އިންފެކްޓްވެފައިވާ މީހަކު ބޭނުންކޮށްފައިވާ ސީޓްއާއި އަތް އަޅުވަން ބޭނުންކުރާ ތަންތަނުގެ ޒަރިއްޔާއިންވެސް އިތުރު ބަޔަކަށް މި ވައިރަސް ފެތުރުމުގެ ފުރުސަތު އަދި އެބައޮތެވެ.

2019-އެންކޯވްގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު އޭގެ ނިޝާންތައް ފެންނަން ފެށުމާ ދެމެދުހޭދަވާ މުއްދަތަކީ 1-14 ދުވަހާ ދެމެދު މުއްދަތަކެވެ. ސިއްހަތާ ބެހޭ ޗައިނާގެ އޮފިޝަލުން ގަބޫލުކުރައްވާ ގޮތުގައި، އިންސާނެއްގެ ހަށިގަނޑުން 2019-އެންކޯވްގެ ނިޝާންތައް ފެންނަން ފެށުމުގެ ކުރިންވެސް ދެވަނަ މީހެއްގެ ގަޔަށް ވައިރަސް ފެތުރުމުގެ ފުރުސަތު އޮވެއެވެ.

ހެމްހޯލްޓްޒް ސެންޓާ ފޮ އިންފެކްޝަންގެ ޑިޕާޓްމަންޓް އޮފް އެޕިޑޮމޮލޮޖީގެ އިސްވެރިޔާ ޖެރާޑް ކްރޯޒް ވިދާޅުވާ ގޮތުގައި، މިއީ ބަލި އިތުރަށް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ހަށިގަނޑުގެ ބޭރުފުށުން އަލާމާތްތަކެއް ފެންނަން ފެށުމުގެ ކުރިން، ނޭވާލާ ނިޒާމުގެ ބައްޔެއްގެ ވައިރަސް އިތުރު ބަޔަކަށް ފެތުރުމަކީވެސް ކްރޯޒް ވިދާޅުވާ ގޮތުގައި އާދަޔާ ހިލާފު ކަމެކެވެ.

ކޮރޯނާވައިރަހަށް މީހުން އިމިއުންވާނެތަ؟

ހަލުވިކަމާއެކު އަވަހަށް ފެތުރޭ ވައިރަސްތަކުގެ ސަބަބުން މީހުން މަރުވާ މިންވަރު ނިސްބަތުން މަދެވެ.

ޗައިނާއިން އަލަށް ފެނުނު ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށީ ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ސަރަހައްދަކުން/ފޮޓޯ: އެކްސިއޯސް

2019-އެންކޯވްއަށް ޕޮޒިޓިވްވެ، އެބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ނިސްބަތުން ބަލާއިރު އެއީ އިންފެކްޓްވެފައިވާ މީހުންގެ 2.4 ޕަސެންޓް މީހުންނެވެ. މިއީ ކުރިން އަނދާޒާ ކުރެވުނު މިންވަރަށްވުރެ ދަށް އަދަދެކެވެ. 2002-2003 ވަނަ އަހަރާ ދެމެދު ފެތުރިގެންދިޔަ ސާސް ވައިރަށް އިންފެކްޓްވި މީހުންގެ 9.6 ޕަސެންޓް މީހުންގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މިހާރު ފެނިގެން އުޅެނީ ކޮރޯނާވައިރަހުގެ އާއިލާގެ އާ މެމްބަރެކެވެ. އެހެންކަމުން، ވައިރަހަށް ހުށަހެޅުމަށްފަހު އެ ވައިރަހުގެ އަސަރު ނުކޮށް އިމިއުނިޓީ ލިބިފައި ހުންނާނެ މީހަކު ނެތް ކަމުގައިވެސް ދެންނެވިދާނެއެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، މި ވައިރަހާ ދެކޮޅަށް އިންސާނުންގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން ދިފާއީ ބާރު ވަރުގަދަ ވަމުންދާނެ ކަމަށް ބެލެވެއެވެ. މީގެ މާނައަކީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލި ކަށި މީހުންނަށް މި ވައިރަހުގެ އަސަރުކޮށްފިނަމަ ބަލި ހާލު ސީރިއަސްވެ، ފުރާނައަށް ނުރައްކާވެ، ފުރާނަ ގެއްލިދިއުމުގެ ފުރުސަތު ބޮޑުވާ ކަމެވެ. ދިފާއީ ނިޒާމު ބަލި މީހުންގެ ތެރޭގައި، ދޮށީ އުމުރުގެ މީހުންނާ، ބަލިބައްޔަށް ބޭސްކުރަމުންދާ މީހުން ހިމެނެއެވެ.