މަގުމަތީގައި ޕާކްކޮށްފައި ހުންނަ ސައިކަލުތަކުގެ މަޑިތަކުގައި ބިދޭސީން ކަޓަރު އަޅާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

އާންމުންގެ މީހަކު މިއަދު ފުލުހުން ޓެގްކޮށް ޓްވީޓުކޮށްފައި ވަނީ، މަގުމަތިން ހިނގާފައިދާ ބިދޭސީންތަކެއްގެ ވިޑިއޯއާ އެކުގައެވެ. މި ވީޑިއޯއިން ފެނިގެން ދަނީ ހަތަރު ބިދޭސީއަކު މާލޭގެ މަގެއްގެ މަތިން ހިނގާފައިދާ މަންޒަރެވެ. މި ވީޑިއޯ އިން ފެންނަގޮތުގައި އެ ވީޑިއޯ ނަގާފައިވަނީ އިއްޔެ މެންދުރުގެ 1:36 ގައެވެ.

މިއަދު މެންދުރު 2:53 ގައި ޓްވީޓް ކުރި ފަރާތުން ބުނެފައި ވަނީ ވީޑިއޯއިން ފެންނަ ބިދޭސީންގެ ގްރޫޕަކީ ސައިކަލުތަކުގެ މަޑިތަކުގައި ކަޓަރު އަޅަމުންދާ ބައެއް ކަމަށެވެ. އެގޮތުން މިއަދުި އެމީހުން ވަނީ އޭނާގެ ސައިކަލުގެ މަޑީގައިވެސް ކަޓަރު އަޅާފައި ކަމަށާއި އެކަން އެމީހުން ކުރަނީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެއެވެ.

ފުލުހުން ޓެގްކޮށް އެފަރާތުން އެދިފައިވަނީ އެމީހުން ހޯދުމަށެވެ. އަދި ހަމައެކަނި ފުލުހުން ސައިކަލުތަކުގައި ސްޓީކާ ޖެހިއަސް ނުފުދޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އިރުކުށްކުރާ ބިދޭސީން ގިނަވަމުން އަންނަ ކަމަކީވެސް ކަންބޮޑުވާ ހިސާބުގައި ހުރި މައްސަލަަތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ބިދޭސީންގެ ކުށުގެ ރެކޯޑުގައި ޖުމްލަ 648 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ޖުމްލަ 853 ބިދޭސީން ބައިވެރިވެފައި ވެއެވެ.

އަދި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަަތަކުގެ ތެރެއިން ފާއިތުވީ އަހަރު 7 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެފަދަ މައްސަލަަތަކުގައި 16 ބިދޭސީން ޝާމިލްވެފައިވާ ކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ.