ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ނުހަނު ބާރަށް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ޗައިނާއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ ޗައިނާގެ އިތުރުން އެ ބަލި ފެތުރެމުންދާ އެހެން ގައުމުތަކަށްވެސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ. އަދި ރާއްޖޭން ބޭރު ގައުމުތަކަށް ދަތުރުކުރާއިރު އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ނުވަތަ އެގައުމާ އެންމެ ކައިރި ދިވެހި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ.

ހަމައެއާއެކު ބޭރު އުގަމެއްގައި ދިރިއުޅޭ ދިވެހިން އެ ދިރިއުޅޭ ގައުމެއްގެ ކަމާބެހޭ ސިއްހީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށާއި އަމަލުކުރުމަށް ވެސް ފޮރިން މިނިސްޓްރީން އެދިފައި ވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އެމްބަސީތަކުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ މައުލޫމާތު، ފޮރިން މިނިސްޓްރީ އާއި އެމްބަސީތަކުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ އެކި ފަންތީގައި ތައްޔާރީ ހާލަތަކަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން މިރޭ 7:00 އިން ފެށިގެން ވެލާނާ އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހާއްސަ ހެލް ޑެސްކެއް ވަނީ ގާއިމްކޮށްފައެވެ. އަދި ކޮރޯނާ ވައިރަސް ޖެހިއްޖެ ހާލަތުގައި އެ ރޯގާގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ހަތަރު އެނދުގެ ހާއްސަ އައިސީޔޫ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ހަމައެއާއެކު މި ރޯގާއަށް ޝައްކުކުރެވޭ މީހުން ނުވަތަ އެ ބަލި ޖެހިފައިވާ ކަމަށް ޔަގީންވާ މީހުން އެކަހެރިކުރުމަށް ދެ އައިސޮލޭޝަން ފެސިލީޓީއެއް ހަމަޖައްސާފައިވާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އެގޮތުން 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފައި ވެއެވެ.

ކޮރޯނާ ވައިރަސް ފެތުމުންދާތީ މިހާރު ރާއްޖެއިން ޗައިނާއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް ވެސް ވަނީ ކެންސަލް ކޮށްފައެެވެ.