ޗައިނާގެ ވޫހާން އިން މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ގާއިމްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސްއާ ގުޅިގެން މިރޭ 7:00 އިން ފެށިގެން މިހާރުގެ ހާލަތު ބަދަލުވަންދެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ މީނިސްޓްރީގެ ހެލްޕް ޑެސްކް ހުންނާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިންނާއި ޓޫރިސްޓު އޮޕަރޭޓަރުން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ ޓޫރިޒަމް މިނިސްޓްރީގެ ސިޗުއޭޝަން މޮނިޓަރިންގް ޔުނިޓްގެ ހޮޓްލައިން ނަންބަރަށް 7223131 އަދި ހެލްޕްޑެސްކް ނަންބަރު 9423131 އަށް ގުޅުމަށް އެ މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ދިވެހި ސަރުކާރުންދަނީ ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް އަންނަ ޑައިރެކްޓް ފްލައިޓްތައް މިވަގުތަށް ހުއްޓާލުމަށް މިއަދު ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ވެލާނާ އެއާޕޯޓުގައި ސަލާމަތާއި ރައްކާތެރިކަމުގެ ކަންކަން ވަރުގަދަ ކުރަނީ

ހަމައެއާ އެކު މިހާރު މި ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ހާލަތު ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން 'ސިޗުއޭޝަން މޮނިޓަރިން ޔުނިޓް' އެއް ގާއިމްކޮށް ގަވާއިދުން ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާ އެކު ދުރާލާ ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ޗައިނާގައި ފެތުރެން ފެށި ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖެއަށް އަންނަން ބުކިން ހަދާފައި ވާ ފަރާތްތަކުގެ ތެރެއިން 5556 ބުކިން ކެންސަލް ކޮށްފައިވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއެވެ.

ކޮރޯނާ ވައިރަސް ވަރަށް ހަލުވި މިނެއްގައި ފެތުރެމުންދާ އިރު މިހާރު މި ބައްޔަށް ޕޮސިޓިވް ވެފައިވާ 7000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.