އެއްގަމު އުޅަނދުތައް ގިނަވެ، ފިތިބާރުވުމުގެ ދުނިޔޭގެ ރޭންކިންގްއަށް ބަލާއިރު އެންމެ ތޮއްޖެހިފައިވާ 10 ގައުމުގެ ލިސްޓުގެ 4 ޖާގައެއްގައި އިންޑިއާ ހިމެނިއްޖެއެވެ.

އޮންލައިން ލޮކޭޝަން ޓެކްނޮލޮޖީ ކުންފުނި ޓޮމްޓޮމް އިން ކޮންމެ އަހަރަކުވެސް އެކުލަވާލަމުންދާ "ޓްރެފިކް އިންޑެކްސް"ގެ 2019 ވަނަ އަހަރުގެ ރިޕޯޓް ދައްކާ ގޮތުން ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ 10 ސިޓީގެ ތެރޭގައި އިންޑިއާގެ 4 ސިޓީއެއް ވަނީ ހިމަނާފައެވެ.

ދުނިޔޭގެ ނިސްބަތުން، އެއްގަމު އުޅަނދުތަކާ ހެދި ތޮއްޖެހިފައިވާ 10 ސިޓީގެ ލިސްޓުގައި ހިމަނާފައިވާ އިންޑިއާގެ ސިޓީތަކަކީ ބެންގަލޫރު، މުމްބާއީ، ޕޫނާ އަދި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއެވެ.

އެންމެ ތޮއްޖެހިފައިވާ 10 ސިޓީގެ ރޭންކިންގްއަށް ބަލާއިރު އެންމެ ބޮޑަށް މިމައްސަލަ ކުރިމަތިވެފައިވަނީ ބެންގަލޫރަށެވެ. 71 ޕަސެންޓް ތޮއްޖެހިފައި އޮތުމާއެކު ރޭންކިންގްގެ 1 ވަނާގައި ހިމަނާފައި އޮތީވެސް ބެންގަލޫރެވެ. 65 ޕަސެންޓް ތޮއްޖެހި ރޭންކިންގްގެ 4 ވަނާގައި މުމްބާއީ އޮތްއިރު، ޕޫނާ އޮތީ 59 ޕަސެންޓްއާއެކު 5 ވަނާގައެވެ. 56 ޕަސެންޓް ތޮއްޖެހިފައިވާ ނިއު ދިއްލީ އޮތީ ރޭންކިންގްގެ 8 ވަނާގައެވެ.