ގުދުރަތުން އިންސާނާއަށް ލިބިފައިވާ ފުއްޕާމެއަކީ، ސިނގިރޭޓް ބުއިމުގެ ސަބަބުން އެ ގުނަވަނަށް ލިބިފައިވާ ނުރައްކާތެރި ބޮޑެތި ގެއްލުންތައް "ޖާދުވީ" ގޮތެއްގައި ހައްލުކޮށްދޭ، އާދަޔާ ހިލާފު ގުނަވަނެއް ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ނަމަވެސް ސިނގިރޭޓްގެ ވިހަ ދުމުން ގެއްލުން ލިބިފައިވާ ފުއްޕާމެއަކަށް މި ފަރުވާ ލިބެން އަންނަނީ، ސިނގިރޭޓް ބުއިން ހުއްޓާލުމުން އެކަނި ކަންވެސް ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ.
ސިނގިރޭޓްގެ ވިހަ ދުމުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުންތަކަކީ ކެންސަރަށްވެސް މަގުފަހިކުރުވާ، ނުރައްކާތެރި ގެއްލުންތަކަކަށް ވާއިރު، މިއީ ސިނގިރޭޓް ބުއިމާ ދުރުވިކަމުގައިވީ ނަމަވެސް ދެމިގެން ދަނިވި ގެއްލުންތަކެއް ކަމަށް ގަބޫލުކުރެވެއެވެ.
ކަންމިހެން އޮތް ނަމަވެސް، "ނޭޗާ" ޖާނަލްގައި ޝާއިއުކޮށްފައިވާ ހޯދުންތަކުން ދެނީ އާދަޔާ ހިލާފު މެސެޖެކެވެ. މި ހޯދުންތައް ބުނާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުމުން ސަލާމަތްވާ މަދު ސެލްތަކަކީ، ފުއްޕާމޭ އަލުން "މަރާމާތު" ކުރުމުގެ ގާބިލުކަން ލިބިފައިވާ ސެލްތަކެކެވެ. ސިނގިރޭޓް ބުއިން ހުއްޓާލުމުގެ ކުރިން 40 އަހަރު ވަންދެން، ކޮންމެ ދުވަހަކުވެސް 1 ފޮށި ސިނގިރޭޓް ހުސްކުރި މީހުންގެ ހަށިގަނޑުންވެސް މިކަން ފާހަގަވެފައިވާކަމަށް ދިރާސާ ބުނެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން އަރާ ވިހަ ދުމަކީ، ފުއްޕާމޭގެ ސެލްތަކުގެ ޑީއެންއޭ އޮޅުންބޮޅުންކޮށް، ހަލާކުކޮށްލާ ނުރައްކާތެރި ދުމެކެވެ. މި ދުމުގެ އަސަރު ކުރުމުން، ދުޅަހެޔޮ ކޮންމެ އެއްޗެއް، ކެންސަރުގެ ނުރައްކަލަށް ހުށަހަޅައެވެ.
އިނގިރޭސިވިލާތުގެ ޔޫސީއެލް ޔުނިވާސިޓީގެ ދިރާސާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ ކޭޓް ގްރޯވާޒް ވިދާޅުވީ، މި ނުރައްކާތެރި ވިހައިން ބައެއް ސަލާމަތްވާ ގޮތެއް އަދި ދެނެގަނެވިފައި ނުވާކަމަށެވެ. ސިނގިރޭޓް ބުއިން ހުއްޓާލުމާއެކު، ހަލާކުވި ސެލްތައް މަރާމާތުކުރުމުގެ މަސައްކަތް، މި ސެލްތަކުން ފަށާ ކަމަށާ، ސިނގިރޭޓް ބުއިމަށްފަހު އެ އަމަލާ ދުރުވާ މީހެއްގެ ފުއްޕާމާގެ ސެލްތަކުގެ 40 ޕަސެންޓް ސެލް ހުންނަނީ ސިނގިރޭޓް ނުބޯ މީހަކާ އެއްގޮތަށްކަންވެސް މި ދިރާސާއިންވަނީ ހޯދާފައެވެ. ނަމަވެސް މަރާމާތުވަނީ ކިހާ މިންވަރެއްތޯ ބެލުމަށް އަދި އިތުރު ދިރާސާތަކެއް ހަދަންޖެހެއެވެ.
ކެންސަރު ބައްޔާ ގުޅުންހުރި ދިރާސާތައް ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މި ދިރާސާއަކީ ސިނގިރޭޓް ބުއިމަށް ދެވި ހިފާފައިވާ މީހުން އެކަމުން ދުރުވުމަށް ލިއްބައިދޭނެ ވަރުގަދަ ހިތްވަރެކަށް ވެގެންދާނެއެވެ.