ޗައިނާގެ ވޫހާން އިން މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަ އައިސީޔޫއެއް ގާއިމުކޮށްފިއެވެ.
ކޮރޯނާ ވައިރަސް ޖެހިއްޖެ ހާލަތުގައި އެ ރޯގާގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ހަތަރު އެނދުގެ ހާއްސަ އައިސީޔޫ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ހަމައެއާއެކު މި ރޯގާއަށް ޝައްކުކުރެވޭ މީހުން ނުވަތަ އެ ބަލި ޖެހިފައިވާ ކަމަށް ޔަގީންވާ މީހުން އެކަހެރިކުރުމަށް ދެ އައިސޮލޭޝަން ފެސިލީޓީއެއް ހަމަޖައްސާފައިވާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އެގޮތުން 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފައި ވެއެވެ.
ވޫހާން ރޯގާ ޗައިނާގެ ވޫހާން ސިޓީގައި އާންމުވެ، ދުނިޔޭގެ އެކި ގައުމުތަކުންވެސް އެ ރޯގާ ޖެހިފައިވާ މީހުން ފެންނަމުން ދާތީ ދިވެހި ސަރުކާރުން ދަނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިރޯގާ ޖެހިފައިވާ މީހުން އަންނަނީ ފެންނަމުންނެވެ. އެގޮތުން އޮސްޓްރޭލިއާ، ފިލިޕީންސް، އެމެރިކާ، ދެކުނު ކޮރެއާ، މެލޭޝިއާ، ފްރާންސް، ވިއެޓްނާމް، ކެނެޑާ، ކެމްބޯޑިއާ، ނޭޕާލް، ސްރީލަންކާ، ޖަރުމަނު އަދި ތައިލެންޑު ހިމެނެއެވެ.
ރާއްޖެއަކީ ފަތުރުވެރި ޒިޔާރަތްކުރާ ގައުމަކަށް ވެފައި މި ދުވަސްވަރަކަީ އެންމެ ގިނައިން ފަތުރތުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރެވެ. ދާދި ފަހުން ކޮރޯނާ ވައިރަސް ހުރިކަމަށް ޝައްކުކުރެވޭކަމަށް ބެލެވޭ ޓުއަރިސްޓެއް ރާއްޖެއިން ފުރާފައިވާ ކަމަށްވެސް ސޯޝަލް މިޑިއާގައިވަނީ އަޑުތައް ފެތުރިފައެވެ. ނަމަވެސް މިހާތަނަށް ރާއްޖެއިން މި ބަލީގެ ހުރިހާ ކްރައިޓީރިއާއަށް ފެތޭ ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.