ދިގުލާ ގޮސްފައިވާ މެދުއިރުމަތީގެ ސުލްހައިގެ މައްސަލައަށް ބިނާކުރަނިވި ހައްލެއް ހޯއްދަވާ ދެއްވުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން އެކުލަވާލައްވާފައިވާ "ގަރުނުގެ ސުލްހައިގެ އެއްބަސްވުން" އާންމު ކުރައްވާފައި ވާއިރު، ދުނިޔޭގެ ލީޑަރުންނާ ހާރިޖީ އޮފިޝަލުން ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވައިފިއެވެ.

ބައެއް ލީޑަރުން މިކަމާ އެމެރިކާއާއި އެއްކޮޅަށް ބުރަވެވަޑައިގެންނެވިއިރު، މިކަމާ އަދި އެއްޗެއް ވިދާޅުނުވާ ފަރާތްތަކެއްވެސް އެބަ ތިއްބެވިއެވެ.

ޔޫއޭއީ

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫސުފް އަލް-އުތައިބާ ވިދާޅުވީ، މި އެއްބަސްވުމަކީ ބައިނަލްއަގުވާމީ އޮނިގަނޑުގެ ތެރެއިން އެމެރިކާ އިސްވެ އޮވެ، ސުލްހައިގެ މަޝްވަރާތައް ފެށުމަށް، މި އެއްބަސްވުމަކީ މުހިންމު ފެށުމެއް ކަމަށެވެ.

އަލް-އުތައިބާ ވިދާޅުވީ ދެމިގެންދަނިވި ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެވެން އޮތީ މިކަމުގައި ހިއްސާވާ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާ ޝާމިލުވުން އެކުލަވާލެވޭ ގޮތަށް އެއްބަސްވުމަކަށް އާދެވިގެންނެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމާއެކު، ސުލްހަވެރިކަމާއެކު ދެމިއޮތުމުގެ ފުރުސަތު އިސްރާއީލާ ފަލަސްތީނަށްވެސް ލިބިގެންވާކަމަށް ޔޫއޭއީއިން ގަބޫލުކުރާ ކަމަށްވެސް އަލް-އުތައިބާ ވަނީ ފާހަގަކުރައްވާފައެވެ.

އީރާނު

އީރާނަކީ މި އެއްބަސްވުމާ އެންމެ ފާޅުގައި ދެކޮޅު ހެދި ގައުމެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމެރިކާގެ 'ސުލްހައިގެ ހުށަހެޅުމަކީ 'ފަލަސްތީނަށް އިތުރު ތަކުލީފާ ދަތިތައް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާ' ރޭވުމެކެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީއާށް ލަފާ އަރުވާ މުޝީރު ހާސިމުއްދީން އަޝީނާ ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވެފައިވަނީ، މި އެއްބަސްވުމަކީ ޒައެނިސްޓް އިސްރާއީލާ އެމެރިކާއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށެވެ. ފަލަސްތީނާއެކު އެއްވެސް ވަރެއްގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަކީ އެޖެންޑާ ކުރެވިފައިވާ ކަމެއް ނޫންކަމަށާ، މިއީ ސުލްހައިގެ ޕްލޭނެއް ނޫންކަމަށެވެ.

އީރާނު ހާރިޖިއްޔާގެ ވާހަކަވެސް ހުރީ މިފަދަ ގޮތަކަށެވެ. "ގަރުނުގެ އެއްބަސްވުމުގެ" ނަމުގައި ޓްރަމްޕް ޕްރޮމޯޓް ކުރައްވަމުން ގެންދަވާ މި ޕްލޭނަށް ފާޑުކިއުންތައް އަމާޡުކޮށް، އީރާނު ހާރިޖިއްޔާއިން އާންމު ކުރި ބަޔާނެއްގައި، މި ޕްލޭނަށް ރިއާޔަތްކޮށްފައިވަނީ "ގަރުނުގެ އެންމެ ބޮޑު ހިޔާނާތުގެ" ގޮތުގައެވެ. އަދި މި ޕްލޭން މިހާރުވެސް މިސްރާބު ޖަހާފައިވަނީ ފެއިލްވުމާ ދިމާލަށް ކަމަށްވެސް އީރާނު ހާރިޖިއްޔާއިންވަނީ ސިފަކޮށްފައެވެ.

އުރުދުން

އުރުދުންއިން ވަނީ ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ ދަށަށް ގެންދިއުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އިސްރާއީލުން ތަންފީޒުކުރަން އުޅޭ ކަންތައްތަކެއްގެ ސަބަބުން، ނިކުމެދާނެ ނަތީޖާތައް ނުރައްކާތެރި ވާނެ ކަމުގެ އިންޒާރުވެސް އުރުދުންއިންވަނީ ދިފާއެވެ.

އުރުދުންއިންވަނީ މަޝްވަރާގެ ތެރެއިން ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ގޮވާލާފައެވެ. މި މަޝްވަރާތަކަކީ އަރަބި ސުލްހައިގެ އިމުގެ ތެރެއިން، ބައިނަލްއަގުވާމީ ގާނޫނުތަކުން ބޭރު ނުވާ ފަދަ މޭރުމަކުން ކުރިއަށް ގެންދާ މަޝްވަރާތަކަކަށް ހެދުމަށްވެސް އުރުދުންއިންވަނީ ގޮވާލާފައެވެ.

އެންމެން ބަލައިގަންނަނިވި ފުރިހަމަ އެއްބަސްވުމަކަށް އުރުދުންއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް އުރުދުންއިންވަނީ ބުނެފައެވެ.

ފަލަސްތީނު

ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އޮފިޝަލެއް ކަމަށްވާ ސާމީ އަބޫ ޒުހްރީ ބުނީ، ޓްރަމްޕްގެ މި އާންމުކުރެއްވި އެއްޗެއްގެ ސަބަބުން ނަފުރަތުގެ ހުޅުގަނޑޫ ފަޅައިގެން ދާނެ ކަމަށެވެ. ގުދުސްއާއި ބެހޭ ގޮތުން ޓްރަމްޕް ދައްކަވަނީ ތާކުންތާކު ނުޖެހޭ ވާހަކަފުޅުތަކެއް ކަމަށާ، ގުދުސްއަކީ އަބަދުވެސް ފަލަސްތީނުގެ ބިމެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. މި އެއްބަސްވުމާ ފަލަސްތީނުން ކުރިމަތިލާނެ ކަމަށްވެސް އަބޫ ޒުހްރީ ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، މި އެއްބަސްވުމަށް "ހާސްފަށުން ނޫނެކޭ" ވިދާޅުވާ ކަމަށެވެ. މަހްމޫދު އައްބާސްވެސް ވަނީ ޓްރަމްޕްގެ ވާހަކަފުޅުތަކަކީ ބޭކާރު ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފަލަސްތީނުން އަދިވެސް ދެމި އޮތީ އިސްރާއީލުން ކުރިއަށް ގެންދާ އިސްތިއުމާރީ އަޅުވެތިކަން ނިމުމަކަށް ގެނައުމަށް ކަމަށްވެސް ފަލަސްތީނުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ފަލަސްތީނުން މިކަމުގައި ދޫ ދީ، ކުޑަކަކޫ ނުޖަހާނެ ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

މިސްރު

ޓްރަމްޕް އިސްކޮށް ހުންނަވައިގެން އެކުލަވާލެއްވި ސުލްހައިގެ ޕްލޭންއަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ޕްލޭން ކިޔައިލުމަށް ގޮވާލީ މިސްރުންނެވެ. މިސްރުން ބުނީ މި އެއްބަސްވުމަކީ ގާނޫނީ އިމުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް ހައްގު މިންވަރު ކަށަވަރުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ. މިސްރަކީ އުރުދުންގެ އިތުރުން އިސްރާއީލާއެކު ސުލްހަވެފައިވާ ހަމައެކަނި އަރަބި ގައުމެވެ.

މިސްރުންވަނީ އިސްރާއީލާ ފަލަސްތީނު ސުލްހަ ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތައް ބަލައި ގަންނަ ކަމަށް ބުނެފައެވެ.

ކަންމިހެން އޮތްއިރު ޓްރަމްޕާ ދެކޮޅަށް އަޑުއުފުލަމުންދާ ގައުމުތަކުގެ ލިސްޓުގައި ތުރުކީވިލާތް ހިމެނެއެވެ. ސައުދީ އަރަބިއްޔާއިންވެސް ވަނީ މިކަމުގައި ސައުދީ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަން ހާމަކޮށްފައެވެ.

މިކަމާބެހޭ ގޮތުން ދިވެހި ހާރިޖީ ވަޒީރު ރަސްމީ ސިފައެއްގައި އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.