ޗައިނާގައި ގަވައިދާ ހިލާފަށް ވަލު ޖަނަވާރު ވިއްކަމުންދިޔަ ސީފުޑް ބާޒާރެއްގެ ތެރެއިން އުފެދިގެން އައި ކޯރާނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ 2019-އެންކޯވް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 136 އަށް އަރާފައެވެ. އިންފެކްޓްވި މީހުންގެ އަދަދު 4000 އަށްވުރެ މައްޗަށް އަރާފައިވާއިރު، ދުނިޔޭގެ އިރުން ހުޅަނގަށް އެކި ހިސާބުތަކަށް މި ވައިރަސް ވަނީ ފެތުރިފައެވެ.
2019-އެންކޯވް ރޯގާ ފެތުރެމުންދާހާ ހަލުވި މިނުގައި، މި ރޯގާއާއި ވައިރަހާ ގުޅޭ ދޮގު ޚަބަރުތައްވެސް ދަނީ ފެތުރެމުންނެވެ. އަތުގައި އޮންނަ ސްމާޓްފޯނުގެ ޒަރިއްޔާއިން ކޮންމެ މީހަކީވެސް މިއަދު ނޫސްވެރިޔަކަށް ވެފައިވާއިރު، އިންސާނުންގެ ފުރާނައާ ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގައި، ޒިންމާދާރުކަމާއެކު ޚަބަރާ މައުލޫމާތު ފެތުރުމަކީ ފަރުދީ ގޮތުން ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ޒިންމާއެކެވެ.
2019-އެންކޯވްއާ ބެހޭ ގޮތުން އޮންލައިން ޕްލެޓްފޯމްއިން ފެންމަތިވެގެން އައި ދޮގު ޚަބަރުތަކަށް މީހުން ހޭލުންތެރިކުރުވަންޖެހެއެވެ.
ވާލު ސޫޕް ވީޑީއޯ
2019-އެންކޯވްގެ ވާހަކަ މީޑިއާގައި އާންމުވުމާއެކު އެންމެންގެ ސަމާލުކަން ދަމައިގަތް އެއް ވީޑިއޯއަކީ ޗައިނާ ދަރިކޮޅުގެ އަންހެނަކު ވާލު ސޫޕު ތައްޓެއް ބޯން އިންނަ މަންޒަރު ފެންނަ ވީޑިއޯއެވެ. އެ ވާލުގައި ލަނީ ކުކުޅު މަހު ޒާތުގެ ރަހައެއް ކަމަށް އެ ވީޑިއޯގައި އެ އަންހެން މީހާ ބުނެއެވެ. މި ވީޑިއޯ ވައިރަލްވި ހަލުވި މިނުގައި ސޯޝަލް މީޑިއާގެ އަހުލުވެރިންގެ މެދުގައި ހޫނު ބަހުސްތައް ކުރަން ފެށިއެވެ. މޮޅެތި ނިންމުންތައް ނިންމަން ފެށިއެވެ. އެ މަޅީގައި އެތައް ބަޔަކު ޖެއްސުވިއެވެ.
ވާލު ސޫޕް ބޯންއިން މީހާ ފެންނަ ވީޑިއޯގެ ދިރާސާއެއް، ބީބީސީއިން ވަނީ ކޮށްފައެވެ. ބީބީސީއިން ބުނާ ގޮތުގައި އެ ވީޑީއޯ އިން ފެންނަ މަންޒަރުތަކަކީ ރޯގާ އެންމެ ފުރަތަމަ އުފެދިގެން އައި ވޫހާން ސިޓީގެ މަންޒަރުތަކެއް ނޫނެވެ. ނުވިތަނަކަށް ޗައިނާގެ މަންޒަރުތަކެއްވެސް ނޫނެވެ. 2016 ވަނަ އަހަރު ނަގާފައިވާ މި ވީޑިއޯއިން ފެންނަ އަންހެނަކީ ޓްރެވެލް ޝޯ ހޮސްޓް އަދި މަޝްހޫރު ބްލޮގަރެއް ކަމަށްވާ ވޭންގް މެންގްޔޫންއެވެ. އޭނާ މިމަންޒަރުތައް ނަގާފައިވަނީ ޕެސިފިކް ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ ޕަލާއޯގައެވެ.
ވޫހާން ސިޓީއިން ކޮރޯނާ ވައިރަހުގެ އާއިލާގެ އާ ރޯގާއެއް ފެނުމާއެކު މި ވީޑިއޯ އަލުން ދައުރުވާން ފެށީއެވެ.
މެންގްޔޫން ބުނި ގޮތުގައި ވާލުގެ ޒަރިއްޔާއިން މިފަދަ ރޯގާއެއް ފެތުރިދާނެ ކަމަށް އޭނާ ކުޑަކޮށްވެސް ހީއެއް ނުކުރެއެވެ. އެހެންކަމުން، މިފަދަ މަންޒަރުތަކެއް ދޫކޮށްލެވުނީތީ އޭނާ ވަނީ ބެލުންތެރިންގެ ކިބައިން މައާފަށް އެދި، އެ ވީޑިއޯވެސް ނަގާފައެވެ. ނަމަވެސް މިހާރު ދައުރުވަމުންދާ މަންޒަރުތަކަކީ، މެންގްޔޫން އެންމެ ފުރަތަމަ ޕޯސްޓް ކުރި ވީޑިއޯ ޑައުންލޯޑް ކޮށްގެންނާ، އެނޫންވެސް ގޮތް ގޮތުން ނަކަލުކޮށްފައިވާ މަންޒަރުތަކެކެވެ.
2019-އެންކޯވް އުފެދިގެން އައި ވާލު ސޫޕެއްގެ ޒަރިއްޔާއިން ތޯ ނުވަތަ ނޫންތޯ ބެލުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށްދާކަމަށް ޚަބަރު ލިބެއެވެ.
ރާވައިގެން ބަލި ފެތުރުން
ދުނިޔޭގެ އިރުމަތީ ބިތުން ފެނުނު ކޮރޯނާ ވައިރަހުގެ އާ ރޯގާ، ހުޅަނގު ބިތުގެ އެމެރިކާއިން ފެނުނީ ހުސްވި ހަފުތާގެ ތެރޭގައެވެ. މިއާއެކު މީޑިއާގައި ދައުރުވި ބައެއް ޚަބަރުތަކަކީ، އެ ރޯގާގެ ވާހަކަ، މީގެއް އެތައް އަހަރެއް ކުރިންވެސް ކަމާބެހޭ އޮފިޝަލުންނަށް އެނގިފައި އޮތް ކަމަށް ބުނާ ޚަބަރުތަކެކެވެ. މި ތުހުމަތު އެންމެ ފުރަތަމަ ފެންމަތި ކުރި މީހުންގެ ތެރޭގައި ކޮންސްޕިރަސީ ތިއަރިސްޓް އަދި ޔޫޓިއުބާ ޖޯޑަން ސޭދާ ހިމެނެއެވެ.
ޓްވިޓާއަށް ދޫކޮށްލި ޓްވީޓްތަކެއްގައި އޭނާ ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ މުއައްސަސާއަކުން މިފަދަ ވައިރަހެއްގެ ޕޭޓަންޓް ރައިޓްސް ގަތުމަށް ހުށަހެޅި ހުށަހެޅުމެއްގެ ލިންކްވެސް ހިއްސަކޮށްފައެވެ. އެ ޕޭޓަންޓްއަކީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާއެއް ހޯދުމަށް، ކޮރޯނާވައިރަހުގެ ބަލިކަށި ރޯގާއެއް ތައާރަފުކުރުމަށް ބާރުދޭ ކަންކަމަށް ނަގާފައިވާ ޕޭޓަންޓެއް ކަމަށްވެއެވެ. ފޭސްބުކްގައިވެސް މި ވާހަކަތައް ދަނީ ދައުރުވަމުންނެވެ. ވަކިން ހާއްސަކޮށް، ވެކްސީންއާ ދެކޮޅަށް ވަކާލާތު ކުރަމުންދާ މީހުންގެ މެދުގައި މި ވާހަކަ ފެތުރެނީ ފަތުއަޑުކިޔާފައެވެ.
2015 ވަނަ އަހަރު ޕޭޓަންޓް ގަތް މުއައްސަސާގެ ޑޯނަރުންގެ ތެރޭގައި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން ހިމެނޭއިރު، މިއީ ވެކްސީންއެއް އުފެއްދުމަށް ފަންޑުކުރުމުގެ ރޫހު ވަރުގަދަ ކުރުމަށް ބަޔަކު ގަސްތުގައި އުފެއްދި ވައިރަހެއް ކަމަށް ބުނާ އަޑުފައްގަނޑު މީޑިއާގައި އަދިވެސް ދަނީ ގުގުމަމުންނެވެ.
މިކަމުގެ ފުނަށް ފީނާއިރު، 2015 ވަނަ އަހަރު ޕޭޓަންޓް ރައިޓްސް ހޯދި އިނގިރޭސިވިލާތުގެ މުއައްސަސާއިން އެކަން ކުރީ ކޮރޯނާވައިރަހުގެ އާއިލާއިން ނާމްސޫފީގެ އާއިލާތަކަށް ޖެހޭ ވައިރަހެއް އުފެއްދުމަށެވެ. އަދި މި ކަމަށް ފަންޑުކުރަނީ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނަކުންވެސް ނޫނެވެ.
ބައޯވެޕަން ކޮންސްޕިރަސީ
މި ޒަމާނަކީ ކޮންމެ ކަމެއްވެސް ހަނގުރާމައަކަށް ބަދަލުވާ ޒަމާނެއް ކަމުން، ފުރުސަތަކަށް ބަލަބަލާ ތިބި ބަޔަކު ސޯޝަލް މީޑިއާގެ ތެރެއަށް ވަރުގަދަ ބަހުސެއް ދޫކޮށްލިއެވެ. އެބައި މީހުން ބުނާ ގޮތުގައި 2019-އެންކޯވް ރޯގާއަކީ، ޗައިނާއިން ހިންގާ ބައޮލޮޖިކަލް ވެޕަކްސް ޕްރޮގްރާމް ނުވަތަ ގުދުރަތީ މާއްދާއިން ގެއްލުންދެނިވި ހަތިޔާރު އުފެއްދުމުގެ މަޝްރޫއުގެ ތެރެއިން، ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން ލީކުވި ވައިރަހަކުން ޖެހޭ ރޯގާއެކެވެ.
އިސްރާއީލު އަސްކަރިއްޔާއަށް ޖާސޫސުކޮށްފިން އޮފިސަރަކާ ހަވާލާދި ލިޔެފައިވާ ލިޔުންތައް ވޮޝިންގްޓަން ޓައިމްސްއިން ވަނީ ފުޅާދާއިރާއެއްގައި ދައުރުކޮށްފައެވެ. ނަމަވެސް، މިކަމަކީ މިހެން ހިނގި ކަމެއްކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ދެއްކިފައެއް ނުވެއެވެ.
މިހާނަތަށް ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި މި ވައިރަސް އުފެދިގެން އައި ވޫހާން ސިޓީގައި ގަވައިދާ ހިލަފަށް ވަލުޖަނަވާރުގެ ވިޔަފރި ކުރަމުންދިޔަ ހުނާން ސީފުޑް މާކެޓްއިން ވަނީ ކަށަވަރުވެފައެވެ. އިތުރު އެއްވެސް ތަފްސީލެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. މިފަދަ ބަލިމަޑުކަމާ ގުޅޭ ވާހަކަތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރައްވާއިރު، ކަމާބެހޭ ތަޖުރިބާކާރުން އެކަމާ ވިދާޅުވާ އެއްޗެއް ބަލާ ކަށަވަރު ކުރުން ބުއްދިވެރިއެވެ.
މަމެން ޅައިރުވެސް ތިޔާ މީހުންތެއް ބޮންތެކަށް ބަލިފަތުރާ ޖަރާސީމު އަޅައިގެން ޤައުމުތެކަށް އުކާން އުޅޭ ވާހަކަ މާމަމެން ކިޔައިދޭ. ޢެއީ ހަމަ ފިސާރި ހެއުބަހެއް.