ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން 4 މީހަކު ރާއްޖެއަށް އައުމަށް ދަތުރުކުރާނެ ކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާ ވިދާޅުވެއްޖެއެވެ.

ސަފީރު ވިދާޅުވީ، ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން 4 މީހަކު ރާއްޖެއަށް އައުމަށް މިރޭ ދަތުރު ފަށާފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވީ، ޗައިނާގެ ވޫހާންގައި 9 ދިވެހިން އެބަ ތިބި ކަމަށާއި ކުރިން މައުލޫމާތު ލިބިވަޑައިގަތީ ތިބީ 7 މީހުން ތިބި ކަމަށެވެ. އެގޮތުން މިހާރު ވޫހާންގައި ތިބި 9 ދިވެހިންގެ ތެރޭގައި ހިމެނެނީ 8 މީހުންނާއި ކުޑަކުއްޖެއް ކަމަށެވެ. ހަމައެއާއެކު ވޫހާންގައި ތިބި ދިވެހިންގެ ތެރެއިން 7 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އިތުރު ދެފަރާތަކަށް މާލީ ގޮތުން އެހީފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މިހާރު ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން 72 ފަރާތަކަށް ގުޅިގފަިއވާކަމަށް އާޒިމާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ދަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އަދި ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.

މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުންދާ ކަމުގެ ޔަގީންކަން ވެސް ޗައިނާއިން ވަނީ ދީފައެވެ. މި ޕްރޮޓޮކޯލްތަކުގެ ދަށުން ވޫހާން ޕްރޮވިންސަށް ވަދެ ނިކުތުން މިވަގުތަށް ހުއްޓުވާފައިވާ ކަަމަށާއި، ޗައިނާގެ އެހެން ހިސާބުތަކަށް ވެސް މިވައިރަސް ފެތުރެމުންދާ ކަމަށް ޗައިނާ ފޮރިން މިނިސްޓްރީން ބުނެއެވެ.