ކޮރޯނާ ވައިރަސް ޖެހިފައި ހުރިކަމަށް ޝައްކު ކުރެވޭ ފަތުރުވެރިއަކު ރާއްޖެއިން ފުރައިފި ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

މި ވާހަކަ ހިއްސާ ކޮށްފައި ވަނީ މީގެ ހަ ގަޑިއިރު ކުރިން އާންމުންގެ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ. މިކަމާ ގުޅިގެން އަދި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި އަންމުންގެ މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާގެ ބޮޑު ދައިތަ ގަލްފް އެއާފްލައިޓުގައި ރޭ 7 ޖެހިއިރު ރާއްޖެއިން ފުރި އިރު އެ ފްލައިޓުގައި އެވަގުތު އިން ފަތުރުވެރިއެއް ހޭނެތިގެން ވެއްޓުނު ކަމަށެވެ. އެވަގުތު އެ ފްލައިޓުގެ ކްރޫއިން، 5 ގަޑިއިރު ދަތުރުގެ ބާކީ އޮތްކަމަށް ބުނި ކަމަށާއި ފަތުރުވެރިން ހަމަޖެހުމަށް އެންގި ކަމަށް ވެއެވެ.

ހޭނެތިގެން ވެއްޓުނު ފަތުރުވެރިއާ ފަހުން ހޭއެރި ކަމަށާއި އޭނާގެ ފަރާތުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ފަރާތުން ފެންނާނެ ކަމަށް ބެލެވޭ އަލާމާތްތައް ފެނުނު ކަމަށްވެސް އެ ޕޯސްޓްގައި ވެއެވެ. އަދި އެ ފްލައިޓުގައި ދަތުރު ކުރި ފަރާތްތައް ގިނައިން ފެންބުއިމަށް ކްރޫއިން އިލްތިމާސް ކުރި ކަމަށާއި އެފަރާތްތަކަށް ވިޓަމިންސީ ގުޅަބޭސް ދިން ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޕޯސްޓްގައި ވަނީ އެ ފަތުރުވެރިއާ އަކީ އޭނާގެ އަންހެނުންނާއެކު ރާއްޖެއަށް ހަނީމޫން ދުވަސްތައް ހޭދަކުރަން އައި ދެ ފަތުރުވެރިން ކަމަށާއި ބެލެވޭ ގޮތުގައި އެއީ ޔޫރަޕް ފަތުރުވެރިން ކަމަށް އެ ޕޯޓުގައި ވެއެވެ.

އެ ފްލައިޓު ޖެއްސުމާއެކު އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެއަށްފަހު އެމީހާގެ ހަބަރެއް ނުލިބޭ ކަމަށްވެސް ވެއެވެ.

ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ރޭގެ އެ ފްލައިޓް ފުރި ވަގުތުގައި އެއާޕޯޓުގައި އުޅުނު އެންމެހާ ފަރާތްތައް ތިބީ ރައްކާތެރި ހާލަތެއްގައިތޯ ބެލުމަކީ ބުއްދިވެރިކަމެއް ކަމަށް އެފަރާތުން ބުނެއެވެ.

މި ޕޯސްޓާ ގުޅިގެން އާންމުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއާޕޯޓަކީ އެންމެ ގިނަ މީހުން ޖަމާވާނެ ތަނަށް ވާއިރު ރާއްޖޭގައި އުޅެފައި ދިޔަ ފަތުރުވެރިއެއްގެ ގައިން އެ ބަލީގެ "ސިމްޓަމްސް" ފެނުމަކީ ބިރުގަންނަންޖެހޭ ކަމެއް ކަމަށް ގިނަބަޔަކު ދަނީ ދެކެމުންނެވެ. މި ބައްޔަކީ ވައިރަސް ހަށިގަނޑަށް އަރާތާ 14 ވަރަކަށް ދުވަސް ފަހުން ނޫނީ "ސިމްޓަމްސް" ނުފެންނަ ބައްޔެކެވެ. އެހެންކަމުން މިވަގުތު މި ވައިރަސްގެ އަސަރު ހުއްޓަސް ނޭނގިދާނެ ކަމަށާއި މާލޭގައި މި ބަލި ފެތުރެން ފަށައިފި ނަމަ ކޮންޓްރޯލް ނުވެދާނެ ކަމުގެ ވާހަކަަތައްވެސް ދަނީ ސޯޝަލް މީޑިއާގައި ދެކެވެމުންނެވެ.