ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވެނީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހުރިއިރު ވެސް ރައީސް ސޯލިހު ގެންދަވަނީ ސާބިތުކަމާއި ކެތްތެރިކަމާއެކު ކުރިއަށް ވަޑައިގަންނަވަމުން ކަމަށެވެ.
"އެމަނިކުފާނު ބޭނުންވާ ސްޕީޑުގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވިގެން މިއުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން، އާދެ އޭނގެ ސަބަބުންކަން އަޅުގަނޑަށް ކަށަވަރު،" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިހެން ވިދާޅުވެފައި މިވަނީ، ރައީސް ސޯލިހުގެ ސަރުކާރުގެ މަޝްރޫތައް ލަސްވަނީ ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރީ ކޮންބައެއް ކަމާއި ކާކުކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ ދައުރުގެ ފަހު ދުވަސްކޮޅު އެޓޯލްސް މިނިސްޓަރެއްގެ ގޮތުގައި ހުރި އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން، ލާމަރުޒަކީ ނިޒާމް ތައާރަފް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.
"ރައީސް މައުމޫން ބޭނުންފުޅު ނުވާ ނަމަ އެ ދުވަހު ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނު އަސާސީގައި ލިޔެވިގެން ދިޔައީސް ތޯ. ނުވަތަ ގާނޫނު އަސާސީ އެގޮތަށް ލިޔެވިގެން ދިޔައީސް ތޯ؟ ނޫން ނުދިޔައީސް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިގޮތަށް ވިދާޅުވެފައި މިވަނީ ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ތައާރަފް ކުރުމުގެ ހުރިހާ "ކްރެޑިޓް" އެއް އެމްޑީޕީން ނަގަމުންދާ ދަނޑިވަޅެއްގައެވެ.