ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި 1146 މީހުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން 1146 ފޯމް އެ ޕާޓީއަށް ލިިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 14 އަތޮޅެއްގެ 51 ރަށެއްގައި ޓިކެޓް ދޭނެ މީހުން ކަނޑައަޅަން ޕްރައިމަރީ ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭނާ ވިދާޅުވި ހަތަރު ސިޓީގައި ވެސް އެ ޕާޓީގެ ޕްރައިމަރީ އޮންނާނެ ކަމަށެވެ. އެއީ މާލެ ސިޓީ އާއި، އައްޑޫ ސިޓީ އާއި، ފުވައްމުލައް ސިޓީގެ އިތުރުން ދާދި ފަހުން ސިޓީގެ ދަރަޖަ ދިން ކުޅުދުއްފުށި ސިޓީގައެވެ.

ހީނާ ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ މީހުންގެ އެޕްލިކޭޝަން ފޯމުތައް އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުން ބަލަމުންދާ ކަމަށާއި ގާނޫނީ ގޮތުން ބަލައިނުގަނެވޭ ފޯމުތައް ނުވަތަ ކަށަވަރު ނުކުރެވޭ ފޯމުތައް ބަލައިނުގަންނާނެ ކަމަށެވެ. އެހެންކަމުން ޓިކެޓު ކަށަވަރުވާ ކެންޑިޑޭޓުން ޔަގީންވެގެން ދާނީ އޭގެ ފަހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރަން ޖެހޭ ކަމަށާއި މިމަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލާއިރު އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ ގިނައިން ނުވަތަ މަދުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައިވާ ނަމަ، ވޯޓު ބާތިލްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓު ލުން ކުރިއަށް ގެންދިއުމަށް ބައެއް ތަންތަނާއި ސްކޫލްތައް ހޯދުމަށް އެދިފައިވާނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ. އެ ގޮތުން މާލޭގައި ބަހައްޓާ ފޮށިތައް ދަރުބާރުގޭގައި ބެހެއްޓުމަށް އެދިފައިވާނެ ކަމަށާއި އެ ތަންތަނުގައި ވޯޓު ފޮށިތައް ބެހެއްޓުމުގެ ހުއްދަ ލިބުމުން އެ ތަންތަނުގެ މައުލޫމާތު އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށާއި ޕްރައިމަރީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބު ކުރުމަށް ނަގާ ގުރުއަތުލުން އަންނަ ބުދަ ދުވަހު ޕީޕީއެމްގެ އޮފީހުގައި ކުރިއަށް ދާނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.