އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ 100 ޕަސެންޓް ހިއްސާ ވިއްކާލާ، މުޅި ވިޔަފާރި ޕްރައިވަޓައިޒް ކުރުމަށް ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން ރާވަމުންދާކަމަށް ޚަބަރު ލިބިޖެއެވެ.

އެއާ އިންޑިއާގެ އިތުރުން އެ ކުންފުނީގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުންދާ އެއާ އިންޑިއާ އެކްސްޕްރެސްގެ 100 ޕަސެންޓް ހިއްސާ މިވަގުތު އޮންނަނީ އިންޑިއާ ސަރުކާރަށެވެ.

އެއާ އިންޑިއާގެ މުޅި ވިޔަފާރި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ބިޑް ކާމިޔާބު ކުރާ ފަރާތަކަށް ފުރަތަމަވެސް ކުރަންޖޭހެނެ ކަމަކަށްވެފައި އޮތީ އެއާ އިންޑިއާ ލިމިޓަޑް ދަރާފައިވާ 3.26 ބިލިއަން ޑޮލަރުގެ ދަރަނި ފިލުވުމެވެ. ކުންފުނީގެ ޖުމުލަ ދަރަނީގެ އަގު 8 ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ.

1932 ވަނަ އަހަރު އުފެދިގެން އައި ކުންފުންޏަކީ ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގެ ބާޒާރުގައި، ހިދުމަތުގެ އަގުގެ ގޮތުން ބަލާއިރު އެޑްވާންޓޭޖު ބޮޑު ކުންފުންޏެކެވެ. ނަމަވެސް ފާއިތުވީ 10 ވަރަކަށް އަހަރުވެފައިވަނީ އެކުންފުންޏަށް ބަދުނަސީބު އަހަރުތަކަކަށެވެ.

އިންޑިއާގެ ގަވައިދުތައް ހަމަޖެހިފައި އޮންނަ ގޮތުން ބޭރުގެ އެއާލައިނަކަށް ގަނެވޭނީ އެއާ އިންޑިއާގެ 49 ޕަސެންޓް ހިއްސާއެވެ. ނަމަވެސް މާލީ ދާއިރާގައި ހަރަކާތްތެރިވާ، ވައިގެ އުދުހުންތަކާ ނުބެހޭ ސްޕެޝަލިސްޓުންނަށް މުޅި ކުންފުނި ގަތުމުގެ ބާރުވެސް އޮވެއެވެ.

2018 ވަނަ އަހަރުގެ ތެރޭގައިވެސް އެއާ އިންޑިއާ ވިއްކާލުމަށް، އިންޑިއާއިން ވަނީ މަސައްކަތް ކޮށްފައެވެ.