އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން އެމެރިކާއިން އެކުލަވާލަމުންދާ 'މެދުއިރުމަތީ ސުލްހައިގެ ޕްލޭން' މި ހަފުތާ ތެރޭގައި އިއުލާން ކުރައްވައިފިނަމަ، އިސްރާއީލާއެކު ފަލަސްތީނުން އެކުލަވަލާފައިވާ އޮސްލޯ އެކޯޑުން ވަކިވާންޖެހިދާނެ ކަމުގެ އިންޒާރު، ފަލަސްތީނުން ދީފިއެވެ.

'ގަރުނުގެ ސުލްހައިގެ' އެއްބަސްވުމުގެ ނަމުގައި އެމެރިކާއިން އެކުލަވާލަމުންދާ ސުލްހައިގެ އެއްބަސްވުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ދެކޮޅު ހަދާކަން ސާފުކޮށް ބަޔާންކޮށްދެއް ގަރާރެއް އާންމުކޮށްދިނުމަށްވެސް ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ ހާރިޖީ ވުޒާރާއިން އާންމުކުރި ބަޔާނެއްގައި ވަނީ ގޮވާލާފައެވެ. ފަލަސްތީނުން ބުނާ ގޮތުގައި މި އެއްބަސްވުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ.

މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އިސްކޮށް ވަކާލާތު ކުރައްވަމުން ގެންދަވާ ސާއިބު އުރައިގާތު ވިދާޅުވީ، އެމެރިކާގެ މަސައްކަތަކީ ވަކިވެފައިވާ މިނިވަން 2 ދައުލަތް އުފެދުމަށް އޮތް ފުރުސަތުގެ ހަލާކު ކަމަށެވެ.

އިސްރާއީލުން ވެރިވެގެންފައިވާ ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާޢީލު ހަނިއްޔާގެ ވާހަކަވެސް ހުރީ މިފަދަ މޭރުމަކުންނެވެ. އެމެރިކާގެ ސުލްހައިގެ އެއްބަސްވުން ފާސްނުވާނެ ކަމަށާ، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ރާވަމުންދާ ރޭވުންތައް މިހާރުވެސް މިސްރާބު ޖަހާފައިވަނީ ފެއިލްވުމާ ދިމާލަށް ކަމަށް ހަނިއްޔާ ވަނީ ސިފަކޮށްފައެވެ.

ވަކިވެފައިވާ މިނިވަން 2 ދައުލަތް އުފައްދާ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ރައްޔިތުން އަބަދުވެސް ކުރަމުންދާ އުއްމީދެކެވެ. ނަމަވެސް ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަކީ މި އުއްމީދުތައް ކަފުން ކުރަނިވި ޕްލޭނެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.