މިއުޒިކީ ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ނުވަތަ ގްރެމީ އެވޯޑް ހަފުލާގެ ރެޑް ކާޕެޓް އިވެންޓަކީ ޒަމާނީ ފެޝަނަށް ލޯބިކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ އިވެންޓެކެވެ. ގްރެމީގެ ރެޑްކާޕެޓް އިވެންޓްގައި ފެނިގެންދާ ބައެއް ފަރުމާތަކަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި އޮންނަ މިފަދަ އިވެންޓްތަކުގައި ނަކަލުކުރާ ފަރުމާތަކެކެވެ.
އެމެރިކާގެ ލޮސް އެންޖަލީސްގައި މިއަދު ހެނދުނު ކުރިއަށްދިޔަ ގްރެމީ ރެޑްކާޕެޓް އިވެންޓަށް ބަލާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ފަންނާނަކީ އެމެރިކާގެ ޒުވާން ރެޕާ ޓައިލާ ގްރެގަރި އޮކޯންމާއެވެ.
އުމުރުން އެންމެ 28 އަހަރުގެ ޓައިލާ، ގްރެމީ ރެޑްކާޕެޓަށް ހާޒިރުވީ ބޮޑެތި ހޮޓެލް ޗެއިންތަކަށް އަންނަ މެހެމާނުންގެ ފޮށިތަންމަތި އެއް ތަނުން އަނެއް ތަނަށް އުފުލާ ދިނުމާއި އެފަދަ ކަންކަން ކޮށްދިނުމުގައި އެހީތެރިވެދޭން އުޅޭ 'ބެލްހޮޕްސް' ނުބަތަ 'ބެލްބޯއީޒް' ބޭނުން ކުރާ ޒާތުގެ ޔުނީފޯމެއްގައެވެ. އޭނާއާއިއެކު ކުޑަ ފޮއްޓެއްވެސް ޓައިލާގެ ގާތުގައި އަބަދުވެސް ހުޅުވާފައި ހުއްޓެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ޓައިލާ ބުނީ މިފަދަ ފަރުމާއެއްގައި އެވޯޑް ހަފުލާއަށް ހާޒިރުވުމުގެ ބޭނުމަކީ، އޭނާއަކީ ފުދޭ ވަރަކަށް ގިނައިން ދަތުރުކުރަންޖެހޭ މީހަކަށް ވެފައި، އެ ދަތުރުތަކުގައި ބައްދަލުވާ 'ބެލްބޯއީޒް'ގެ ހިދުމަތް ފެނި، އެ ހިދުމަތުގެ އަގު ވަޒަން ކުރުން ކަމަށެވެ.
62 ވަނަ ގްރެމީ އެވޯޑް ހަފުލާގައި ޓައިލާ ވަނީ ބެސްޓް ރެޕް އަލްބަމްގެ އެވޯޑް އުފުލާލާފައެވެ.
މިފަހަރުގެ ގްރެމީ އެވޯޑް ހަފުލާގެ ރެޑްކާޕެޓް އިވެންޓަށް ބަލާއިރު އެންމެ މަގުބޫލު ކުލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ފިޔާތޮށި ކުލައެވެ.