އެމެރިކާގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ކޯބީ ބްރާޔަންޓް އާއި އޭނާގެ ދަރިފުޅު ޖީޖީ ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓި، ދެ ބަފައިންވެސް މަރުވެއްޖެއެވެ.

ކެލިފޯނިއާގެ ކެލަބެސާސް ސަރަހައްދަށް ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ކޯބީ ބްރާޔަންޓްގެ ދެބަފައިންނާއެކު ޖުމުލަ 9 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މަޝްހޫރު ބާސްކެޓް ބޯޅަ ލެޖެންޑް ކޯބީ ބްރާޔަންޓް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު/ފޮޓޯ: ބީބީސީ

5 ފަހަރެއްގެ މަތިން އެންބީއޭ ޗެމްޕިއަންކަން ހޯދާފައިވާ ކޯބީ ބްރާޔަންޓްއަކި ބާސްކެޓް ބޯޅައިގެ ތާރީހު ދުށް އެންމެ ކުޅަދާނަ އަދި އެންމެ ވަރުގަދަ ކުޅުންތެރިޔާ ކޯބީ ބްރާޔަންޓް މަރުވުމާއެކު، އެމެރިކާގެ އެކި ހިސާބުތަކުގައި ކުރިއަށްދިޔަ ބާސްކެޓް ބޯޅަ މެޗުތަކުގައިވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ. އަދި އޭނާގެ ހަނދާނުގައި ޓީމުތަކުން ދަނީ '24 ސެކަންޑްސް ޝޮޓް ކްލޮކް ވައޮލޭޝަންސް' ހަދަމުންނެވެ.

ހާދިސާގެ މައުލޫމާތު އާންމުވެގެން އައި ވަގުތު، ކުރިއަށްދިޔަ ގްރޭމީ އެވޯޑްސް ހަފުލާގައިވެސް ކޯބީ ބްރާޔަންޓްގެ ހަނދާން ވަނީ އާ ކޮށްފައެވެ. މިއަހަރުގެ ގްރެމީ އެވޯޑް ހަފުލާ ކުރިއަށް ގެންގޮސްފައިވަނީ އެތަނެއްގައި ކޯބީ ބްރާޔަންޓް އޭނާގެ މުޅި ކެރިއަރު ހޭދަކޮށްފައިވާ ލޮސް އެންޖަލީސް ލޭކާސް ސްޓޭޑިއަމްގައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާވެސް ވަނީ ކޯބީ ބްރާޔަންޓްގެ ދެބަފައިން މަރުވި ހާދިސާއާއި ގުޅިގެން އެކަމާ ހިތާމަކުރައްވާކަން ހާމަކުރައްވާފައެވެ.

ކޯބީގެ ބާސްކެޓް ކެރިއަރުގައި އެންމެ ގިނަ ދުވަހު އެކުގައި އުޅެފައިވާ މަޝްހޫރު ކުޅުންތެރިޔާ ޝަކީލް އޯ'ނީލް ވަނީ އޭނާއަށް މިވަގުތު ކުރެވެމުންދާ ހިތްދަތި ވޭން ހުރި އިހުސާސްތައް ބަޔާންކޮށްދޭންވެސް ނޭގޭ ކަމަށް ބުނެފައެވެ.

ކޯބީ ބްރާޔަންޓްއާއި އަދިވެސް އިތުރު ބަޔަކު ދަތުރުކުރަމުންދިޔަ ހެލޮކޮޕްޓަރު ވެއްޓުނު ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރުވެފައި ނުވި ނަމަވެސް، މިހާރު ލިބެމުންދާ ބައެއް ރިޕޯޓްތަކަށް ބަލާއިރު ހާދިސާ ހިނގި ވަގުތަކީ ދުންފުނި ބޯވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ވަގުތެއް ކަން ވަނީ އެނގިފައެވެ. އެގޮތުން މަގުމަތީގައި ތިބި މީހުންނަށްވެސް ސާފުކޮށް ދުރު ނުފެންނަ ވަރަށް ދުންފުނި ބޯވެފައި އޮތް ކަމަށް އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ވަނީ ކިޔައިދީފައެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓުމުގެ ގޮތުން އޭގެ އިންޖީނުން ވަރުގަދަ އަޑުފައްގަނޑެއްވެސް ގޮވިއެވެ.

ކޯބީ ބްރާޔަންޓްވަނީ 5 ފަހަރެއްގެ މަތިން އެންބީއޭ ޗެމްޕިއަންކަން ހޯދާ 1 އޮސްކާ އެވޯޑްވެސް ހާސިލުކޮށްފަ/ފޮޓޯ: ރޮއިޓާޒް

ބާސްކެޓް ބޯޅައިގެ މައިދާނުގައި 20 އަހަރު ހޭދަކުރުމަށްފަހު ކޯބީ ބްރާޔަންޓް ރިޓާޔާކުރީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ކޯބީ ބްރާޔަންޓްއާއި އެކުގައި މަރުވި ޖީޖީއަކީ މުސްތަގުބަލުގައި ކޯބީގެ ޝަހްސު ދަމަހައްޓަން ތައްޔާރުވަމުންދިޔަ ކުޅަދާނަ ކުޅުންތެރިއެކެވެ.

ކޯބީ ބްރާޔަންޓް މަރުވިއިރު އަތްބަކާ 3 އަންހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.