ހއ. ބާރަށު ކުޅި ސަރަހައްދާއި ހއ. ކެލާ ޗަސްބިން ސަރަހައްދަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާކުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

މިފަދަ ޕްލޭނެއް އެކުލަވާލުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމީ ބޮޑުތިލަދުންމަތީގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތަކާ ގުޅޭގޮތުން އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްޓަކައި އެ މިނިސްޓްރީއާއި ކަމާގުޅޭ ވުޒާރާތަކާއި އެލް.ޖީ.އޭ އިން ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިންނެވެ.

އެގޮތުން މިއަދު ހއ. ކެލާގައިވެސް މި ބައްދަލުވުން ބާއްވާފައި ވެއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ބޮޑުތިލަދުންމަތިން ހިމާޔަތް ކޮށްފައިވާ ހއ. ބާރަށު ކުޅި ސަރަހައްދާއި ހއ. ކެލާ ޗަސްބިން ސަރަހައްދަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާކުމުގެ މަސައްކަތް ކަމަށެވެ.

މި ޕްލޭން އެކުލަވާލުމަށް ކެލާ، ފިއްލަދޫ، ބާރަށް، ތަކަންދޫ، ދިއްދޫ، ވަށަފަރު، ފިނޭ އަދި އުތީމުގެ ރައްޔިތުންނާއި ކަމާ ގުޅޭ ފަރާތްތަކާއި އިދާރާތަކާ މަޝްވަރާކުރެވުނެވެ.

މިއަދުގެ މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ތިމާވެށީގެ ވަޒީރު ދެއްކެވި ވާހަކައިގައި ތަނެއް ހިމާޔަތް ކުރުމަކީ އެތަނެއް ރައްޔިތުންނަށް މަނާވެ ބަންދުވުމެއް ނޫން ކަމަށާއި، ހިމާޔަތް ކުރުމުގެ ބޭނުމަކީ އެތަނެއްގެ އަސްލު ނުގެއްލޭނެ ގޮތަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮއްދިނުމުގެ އިތުރުން މިހާރުގެ ޖީލަށް އެތަނުން ލާބަ އާއި މަންފާ ހޯދައި ދިނުން ކަމަށް ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި، ތިމާވެށީގެ ވަޒީރު މިއަދު ވަނީ ތިލަދުންމަތީ އުތުރުބުރީގެ ތިން ރަށެއް ކަމުގައިވާ ދިއްދޫ، އުތީމު އަދި ވަށަފަރަށް ޒިޔާރަތް ކުރައްވާފައެވެ. މިނިސްޓަރު ވަނީ މި ތިން ރަށުގެ ކުނި ކޮށްޓާއި ރަށް ގިރާ ސަރަހައްދަށް ޒިޔާރަތް ކުރެއްވުމަށް ފަހު މި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތައް ހދ. ނޭކުރެންދޫ، ށ. ފުނަދޫ، އަދި ނ. ކެނދިކުޅޫދޫ ގައިވެސް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ން 30 ޖަނަވަރީ އަށެވެ.