2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުޅި ދުނިޔޭގެ ސަމާލކަން ހުއްޓުވާލި 'ދިއްލީ ގޭންގް ރޭޕް' ހާދިސާ ނުވަތަ މީޑިއާގައި މުހާތަބު ކުރަމުން އަންނަ 'ނިރްބާޔާ ރޭޕް'ގެ މައްސަލާގައި މަރުގެ ހުކުމް އިއްވާ، ހުކުމް ތަންފީޒުކުރާ ތާރީހު ކަނޑައަޅާފައިވާ އިތުރު ގައިދީއެއްގެ ފަރާތުން، އިންޑިއާގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފިއެވެ.

ރޭޕް ކުރުމާ، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ މުކޭޝް ކުމާރު ސިންހްގެ ފަރާތުން އިސްތިއުނާފަށް މައްސަލަ ހުށަހަޅާފައިވަނީ، އިންޑިއާގެ ރައީސްއަށް ގާނޫނުން ލިބިވަޑައިގެންފައިވާ ބާރުގެ ތެރެއިން މަރުގެ ހުކުމް އިއްވާފައިވާ މީހަކަށް މައާފު ދެއްވުމުގެ ބާރުގެ ތެރެއިން މުކޭޝް ކުމާރު ސިންހްއަށް މައާފު ދެއްވަން ފެނިވަޑައި ނުގަންނަވާ ކަމަށް އިންޑިއާގެ ރައީސް ނިންމެވުމާ ގުޅިގެން ކަމަށް ވަކީލު ވްރިންދާ ގްރޫވަރު ވަނީ ހާމަކޮށްފައެވެ.

މުކޭޝް ކުމާރު ސިންހްއަށް މައާފު ދެއްވުމަށް އިންޑިއާގެ ރައީސް އިންކާރު ކުރައްވާފައިވާއިރު، ދައުވާ ލިބޭ ފަރާތުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރާ ގޮތަށް، ހުކުމް ބަދަލު ކުރެވޭތޯ ގްރޫވަރު ދަނީ މަސައްކަތް ކުރަމުންނެވެ.

މައްސަލަ ބަލަމުންދާ އިންޑިއާގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ބެންޗުންވަނީ 'ނިރްބާޔާ ރޭޕް'ގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ 4 ގައިދީންގެ ތެރެއިން މުކޭޝްއާއި ވިނޭ ކުމާރު ޝަރުމާގެ ނަމުގައި މީގެ ކުރިން ހުށަހެޅި އިސްތިއުފާނުގެ ދައުވާތައް ބަލައިގަތުމަށްވެސް އިންކާރުކޮށްފައެވެ.

ރައީސްގެ ފަރާތްޕުޅުން މައާފު ލިބޭތޯ މުކޭޝް ހުށަހެޅީވެސް ސުޕްރީމް ކޯޓުން އޭނާގެ އިސްތިއުނާފީ ދައުވާ ބަލައިގަތުމަށް އިންކާރު ކުރުމުންނެވެ. ރައީސްގެ ފަރާތުން މައާފު ނުދެއްވުމަށް ނިންމަވުމާއެކު، އެކަން އިސްތިއުނާފުކޮށް، ހުކުމް ލުއިކުރުމަށް މުކޭޝްގެ ފަރާތުން ސުޕްރީމް ކޯޓަށް އަލުން ހުށަހަޅާފައިވާ ހުށަހެޅުމަކީ އިންޑިއާގެ ގާނޫނުން މުކޭޝްއަށް ލިބިގެންދާނެ އެންމެ ފަހު ފުރުސަތެވެ.

ޕެރަމެޑިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދިޔަ އުމުރުން 23 އަހަރުގެ ޒުވާން އަންހެންކުއްޖާ ރޭޕްކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ދިއްލީގައި ދުއްވަމުންދިޔަ ބަހެއްގެ ތެރޭގައި 6 ފިރިހެނުން ވެގެންނެވެ. ރޭޕްގެ ތެރޭގައި އެ ޒުވާނައަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އެ ޒުވާނާ ވަނީ ދުނިޔެ ދޫކޮށްފައެވެ.

ރޭޕް ކުރުމުގެ އަމަލު ހިންގި 6 މީހުންވެސް ހައްޔަރުކުރިއެވެ. ނަމަވެސް ޖަލު ބަންދުގައި ހުއްޓާ 1 ވަނީ އަމިއްލައަށް މަރުވެފައެވެ. ބާކީ ތިބި 5 މީހުންގެ ތެރެއިން 1 އަށް އިއްވާފައިވަނީ ލުއި ހުކުމެކެވެ. އެއީ ކުށް ކޮށް، ކުށް ސާބިތުވިއިރު އޭނާއަކީ ގާނޫނު ބުނާ ކުޑަކުއްޖަކަށްވާތީއެވެ. މަރުގެ ހުކުމް އިއްވާ، ތަންފީޒު ކުރާނެ ތާރީހު ކަނޑައަޅާފައިވަނީ ދެންތިބި 4 މީހުންގެ މައްޗަށެވެ.

ދިއްލީ ކޯޓަކުން މިހާރު ވަނީ ދިއްލީ-ގޭންގް (ނިރްބާޔާ) ރޭޕް މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ 4 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެފައެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން، އަކްޝޭ ޓާކޫރު، ވިނޭ ޝަރުމާ، ޕަވާން ކުމާރު ގުޕްތާ އަދި މުކޭޝް ސިންހްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރާނީ އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ފަތިހު 06:00 ގައެވެ.