އިންސާނާގެ ހަށިގަނޑުގެ ކަށިތައް ހުންނަ ގޮތަށް ފަރުމާކޮށް ހުންނަ ނަކަލީ-ސްކެލެޓަންއެއްގައި ހެދުން އަޅުވައިގެން، ހައި އޮކިއުޕަންސީ ލޭނުގައި ދުއްވި އެމެރިކާ މީހަކު ހިފިއްޖެއެވެ.

ފޭކު-ގަބަރު ކަށިގަނޑެއްގައި ހެދުން އަޅުވައިގެން ކާރު ދުއްވަމުންދިޔަ މީހާ ހިފަހައްޓާ، ޓްރެފިކް ގަވައިދާ ހިލާފުކަމުގެ ކުށުގައި އޭނާ ޖޫރިމަނާކޮށްފައިވަނީ ދުއްވަން އިންނަ މީހާގެ އިތުރުން ފަސެންޖަރުން ތިބި ނަމަ ދަތުރުކުރަން ހަމަޖައްސާފައި އޮންނަ ހައި އޮކިއުޕަންސީ (އެޗްއޯވީ) ލޭންއިން ދުއްވީމައެވެ.

ޓްރެފިކް ގަވައިދަށް މަކަރު ހަދައިގެން އެޗްއޯވީ ލޭން ބޭނުންކުރުމަކީ އެމެރިކާގައި އާންމު ކަމެކެވެ. އެގޮތުން އަހަރެއްގެ މައްޗަށް މިފަދަ 7000 އެއްހާ ޑްރައިވަރިން ހިފޭ ކަމަށް އިދާރާތަކުން ބުނެއެވެ.

މިދިޔަ އަހަރުވެސް އެމެރިކާ މީހަކު ވަނީ ފިހާރަތަކުގެ ޑިސްޕްލޭގައި ހުންނަ ބުދެއްގައި ހެދުން އަޅުވައިގެން، ކާރު ފަސެންޖަރެއްގެ ގޮތުގައި އެޗްއޯވީ ލޭންއިން ދަތުރުކުރަން އުޅުމުގެ ތެރޭގައި ފަޅާއަރާފައެވެ.