ޒަމާނުއްސުރެ ކެއްކުމުގެ ދާއިރާއަކީ ދިވެހިންގެ ވިދާލާ ދާއިރާއެކެވެ. މަންމައާއި މާމަމެން ތައްޔާރުކޮށްލާ މީރު ކާނާގެ ރަހަ ބަލާލުމަށް އަބަދުމެ ދިވެހި ދަރިން މިތިބެނީ ކެތްމަދުވެފައެވެ. އެމީހުންގެ އަތުގައި ޖާދޫ ހުންނަ ކަހަލައެވެ. ނަމަވެސް، ވަޒީފާއާއި އަމިއްލަ ދިރިއުޅުމައިގެން "ބިޒީ" ބޯޑު އަޅުވާލައިގެން މިއުޅޭ ދިވެހިންނަށް މިފަދަ މީރު ކެއުމެއްގެ ރަހަ ބަލާލަން ލިބެނީ މަދު ފަހަރެވެ.

ދިވެހިންގެ ދިވެހި ވަންތަ މީރު ކެއުމެއް ކާލުމުގެ ފުރުސަތު ނުލިބިފައި ހުއްޓާ، ހުދު އަހަންނަށް ވެސް މިދަފަ ކެއުމެއް ކާލުމުގެ ފުރުސަތު ފަހިކޮށްދިނީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އޮފިސަރުގެ މަގާމު އަދާކުރެއްވި އާޒިމާ ޝުކޫރެވެ. ލީގަލް ޕްރެކްޓިސް ހުއްޓާލައްވައި ކެއްކުމުގެ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށް ހުޅުމާލޭގައި އޭނާ ހުޅުއްވި "އައިމިނާދީސް" އިންނެވެ.

އެންމެ ފުރަތަމަ ވެސް ރަހަ ބަލާލި ހަލުވާ ކޮޅާއެކު ހަނދާންވީ މަންމަގެ އަތުން ތައްޔާރުކޮށް ކާންދިން މީރު ކެއުމުގެ މަތިންނެވެ. ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި އައިމިނާދީސް އައުޓްލެޓަށް އަހަރެންގެ ވެސް ލޯބި ޖެހުނީ އެހިސާބުންނެވެ. މީގެ 3 މަސް ކުރިން ލިބިވަޑައިގެންނެވި ހިޔާލެއްގެ މައްޗަށް އާޒިމާ ޑިވެލޮޕް ކުރައްވާ، ހުޅުއްވި މި އައުޓްލެޓަކީ ދިވެހިވަންތަ ކެއުމަށް ހާއްސަ އައުޓްލެޓެކެވެ.

އާމިނާދީސްގެ ކާށި މުޑި ހަލުވާ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އައިމިނާދީސް އިން ތައްޔާރުކޮށް، ވިއްކާ ހުރިހާ ކާނާއަކީ އާޒިމާގެ ޖާދުވީ ދެ އަތުން ތައްޔާރު ކުރައްވާ ތަކެއްޗެވެ. މި އައުޓްލެޓާ ގުޅިގެން އާޒިމާ 'ދަ ޕްރެސް' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އައިމިނާދީސް އަކީ އޭނާގެ އަމިއްލަ އަތުން ތައްޔާރުކުރައްވާ ކާއެއްޗެތި ވިއްކުމަށް ހުޅުއްވި އައުޓްލެޓެއް ކަމަށެވެ. އަދި ބަޔަކާ ހަވާލުކޮށްގެން މި ވިޔަފާރި ފުޅާ ކުރެއްވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި، ކާއެއްޗެތީގެ ކޮލިޓީއާއި ރަހަ ގުރުބާން ކުރެއްވުމަށްފަހު ވިޔަފާރި ފުޅާ ކުރެއްވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮލިޓީ ސެކްރިފައިޒެއް ނުކުރާނަން، ހުރިހާ ސާމާނެއް ވެސް ހޯދާނީ ލޯކަލްކޮށް, ގިތޮޔޮ މިރުސް ނުލިބިއްޖިއްޔާ މިރުސް ސޯސް ނަހަދާ ހުންނާނީ މިރުސް ލިބެންދެން. ބޭނުމަކީ ކޮލިޓީ އެއްވަރެއްގައި ހިފެހެއްޓުން
އާޒިމާ

އައިމިނާދީސް އިން ތައްޔާރުކުރާ ކާއެއްޗެއްސަކީ، 100 ޕަސެންޓް ދިވެހި އުފެއްދުންތަކެވެ. މި އެއްޗެތި ތައްޔާރު ކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ގެންނަނީ ރާއްޖޭގެ އެކި ރަށްރަށުންނެވެ. އާޒިމާ ވިދާޅުވީ، ގިނަ އެއްޗެހި ހޯއްދަވަން ވަރަށް އުދަނގޫ ކަމަށެވެ. ނަމަވެސް އެއްޗެއް ތައްޔާރު ކުރަން ބޭނުންވާ ސާމާނު ނުލިބިއްޖިއްޔާ އެ އެއްޗެއް ތައްޔާރު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އާމިނާދީސްގެ ގިތެޔޮ މިރުސް ސޯސް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ރާއްޖެގައި ޓުއަރިޒަމް ކުރިއަރައިގެން ދިޔައިރުވެސް ފަތުރުވެރިކަމުގެ ސިނާއަތަކަށް ދިވެހި ވަންތަ ކެއުމެއް ތައާރަފު ކުރެވިފައެއް ނުވެއެވެ. ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ރިސޯޓުތަކުގައި ވެސް ހުންނަނީ ގިނައިން ހުޅަނގުގެ ކާނާތަކެވެ. ނަމަވެސް، އައިމިނާދީސް އަކީ މިކަމަށް ބޮޑު ބަދަލެއް ގެންނާނެ ތަނެއް ކަމަށް ބެލެވެއެވެ. ދިވެހިވަންތަ 9 އުފެއްދުމަކާއެކު ލިބެން ހުންނަ އައިމިނާދީސްގެ ގިފްޓް ޕެކަކީ ޓުއަރިޒަމް މާކެޓަށް ހާއްސަކޮށްގެން އުފައްދާފައިވާ އެއްޗެކެވެ.

މިއީ އަސްލު ވަރަށް ބުރަ، އެހެނަސް ވަރަށް ރިވާޑިން މަސައްކަތެއް
އާޒިމާ

މި މަސައްކަތަކީ އާޒިމާގެ ލޯ ވަރަށް ބޮޑަށް ހަލާކުވެގެން ލީގަލް ޕްރެކްޓިސް ހުއްޓާލަން ޖެހިވަޑައިގެން ކުރައްވަން ފެއްޓެވި މަސައްކަތެކެވެ. ނަމަވެސް، މިއީ އަބަދުވެސް ކުރަން ބޭނުންވާ އަބަދުވެސް ގަޔާވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ، އޭނާއަކީ އަބަދުވެސް ވަރަށް މީރުކޮށް ކައްކާ މީހެއް ކަމަށާއި އެންމެ ކުރިން ވެސް ކެއްކުމަށް ހާއްސަ ޝައުގުވެރި ކަމެއް ހުންނަ ކަމަށެވެ. އަދި ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މިފަދަ ކަމެއް ކުރަން ފެއްޓެވުމުން، އޭނާގެ އެއްވެސް ރައްޓެއްސަކު ނުވަތަ އާއިލާ މީހަކު ނުވަތަ ދަންނަ މީހަކު ވެސް ހައިރާން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކިތަންމެ ބުރަ މަސައްކަތަކަސް ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް ކަމަށް އާޒިމާ ވިދާޅުވެއެވެ.

އާމިނާދީސްގެ އައުޓްލެޓް ތެރެއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އުމުރުން 17 އަހަރުން ފެށިގެން، އަބަދު މަސައްކަތުގައި އޮފީހުގައި އުޅުއްވަމުން ގެންދެވުމަށްފަހު، ފުރަތަމަ ފަހަރަށް ދަރިފުޅު ގާތު ގޭގައި ހުންނަވައިގެން ކަމެއް ކުރެއްވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށް އާޒިމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 34 އަހަރު ވަންދެން ގައުމަށް ހިދުމަތް ކުރެއްވިއްޖެ ކަމަށާއި، މިހާރު ބޭނުން ވަނީ އެހެން ދާއިރާއަކުން ގައުމަށް ހިދުމަތް ކޮށްދެއްވުމަށް ކަމަށެވެ. އެގޮތުން ބޭނުން ވަނީ އަމިއްލައަށް ކައްކައިގެން، އަމިއްލަ ބްރޭންޑެއް ގޮތުގައި ހިންގުމަށް މޯލްޑިވިއަން ރެސްޓޯރެންޓެއް ހުޅުއްވަން ކަމަށް އޭނާ ވިދާޅުވިއެވެ.

މާމަގެ ނަމުން ނަން ދިން އައިމިނާދީސް ހުޅުވުމުގައި އެތައް ބަޔަކަށް ޝުކުރު ހައްގު!

އައިމިނާދީސް އަށް ނަން ދީފައި ވަނީ އާޒިމާގެ މާމަގެ ނަމުންނެވެ. އައިމިނާދީއަކީި އޭނާގެ މަންމަގެ މަންމަ ކަމަށް އާޒިމާ ވިދާޅުވާއިރު، މާމައަކީ އޭނާ ދަންނަ އެންމެ މީރުކޮށް ކައްކާ މީހާ ކަމަށް ވެސް އާޒިމާ ވިދާޅުވެއެވެ. އާޒިމާ ވަނީ އޭނާގެ މާމަގެ ކެއްކުމަށް އެތައް ތައުރީފެއް ކުރައްވާފައެވެ.

އައިމިނާދީސް ހުޅުވުމަށް އާޒިމާގެ އާއިލާގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބުނުކަން ފާހަގަ ކުރައްވަމުން އާޒިމާ ވިދާޅުވީ، މިކަމަށް ޝުކުރު ހައްގު އެތައް ބަޔަކު އުޅޭ ކަމަށެވެ. އާއިލާ އަދި ރައްޓެހިން ހިމެނޭ ގޮތަށް ލިސްޓު ވަރަށް ދިގު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ހާއްސަ ޝުކުރެއްގެ ގޮތުގައި އޭނާ ވަނީ ރުފޭއާ، އާލިމަށާއި، އަލިކޮއެބެ އަދި ހަންކޮއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އާމިނާދީސްގެ އައުޓްލެޓްގެ ތެރެއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އާޒިމާ ވިދާޅުވީ، އައިމިނާދީސް ކުރިއަށް ގެންދެވެނީ ހުޅުދޫގައި ތިބޭ އާއިލާއިން ހުރިހާ އެއްޗެއް ފްރެޝްކޮށް ފޮނުވައިދޭތީ ކަމަށެވެ. އަދި އާއިލީ މީހުން އައިސް ބަދިގޭގައި، ކައިރީ މަސައްކަތް ކުރުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، ގެންގުޅޭ މީހުންނާއެކު އެކަނި ކައްކަން އުޅެގެން މިކަން އޮންނާނީ ނުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އާމިނާދީ ޑިވެލޮޕް ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް އާއިލާގެ ފަރާތުން ލިބުނުއިރު، ވެބްސައިޓް ޑިވެލޮޕް ކުރުމާއި، އާމިނާދީ ބްރޭންޑްކޮށް ދިނީ އޭނާގެ ކޮއްކޮ އާލިމް ކަމަށް އާޒިމާ ވިދާޅުވިއެވެ.