ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މީހަކަށް ވިލިމާލެ ހޮސްޕިޓަލުން ފަރުވާ ދޭތީ ކަމަށް ބުނެ، އާންމުންގެ ބަޔަކު ހޮސްޕިޓާ ކައިރީ އިހުތިޖާޖުކޮށް އެ ހޮސްޕިޓަލު ދޮރުތަކުގެ ބިއްލޫތިތައް ތަޅާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާއަށް ފަރުވާދެމުން ދާތީ ވިލިމާލޭގައި ބަޔަަކު މިރޭ ވަނީ އިހުތިޖާޖު ކޮށްފައެވެ. އެ ސަރަހައްދަށް އެއްވެ ތިބި ބައެއް މީހުން ބުނަމުން ދިޔައީ އެއީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ ބައްޕަ ކަމަށް އެތާހުރި މީހަކު 'ދަޕްރެސް' އަށް ވަނީ ކިޔައިދީފައެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއް ކަމަށް ބުނެ ބަޔަކު ހަމަލާދީ މާރާމާރީ ހިންގި މީހެއްގެ ފޮޓޯ މިރޭ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މި ކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، މިރޭ މާރާމާރީއެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ބަލަަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވިލިމާލޭގައި ހިނގި މާރާމާރީގައި އަނިޔާވި މީހާ

"ދަ ޕްރެސް" އަށް މަައުލޫމާތު ދެމުން ވިލިމާލެ ހޮސްޕިޓަލް ކައިރީ ހުރި މީހަކު ބުނީ ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާތީ އެ ސަރަހައްދަށް އެތައް ބަޔަކު އެއްވެ ހިތްހަމަނުޖެހުން ފާޅު ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެ މީހާ ގޮވައިގެން ފުލުހުން ވަނީ ލޯންޗުގައި މާލެއަށް ގޮސްފައި ކަމަށްވެސް އެފަރާތުން ބުނެއެވެ.

މި ފަދަ މައްސަލައެއް ފެނަމތިވެފައިވާ އިރު މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި 2 އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިހުމާލުވާ ކަމަށް ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރިއަށް އާންމުންގެ މީހުން ނުކުމެ ވަނީ އިހުތިޖާޖުކޮށްފައެވެ. ހުޅުމާލޭގައި ކުރި އިހުތިޖާޖުގައި އެ ފްލެޓްގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑުތައް ވަނީ ތަޅާލާފައެވެ. އަދި އެދުވަހު ފުލުހުންވަނީ އެ ފްލެޓްގައި ހުރި ކުއްޖާގެ ބައްޕަ ހައްޔަރުވެސް ކޮށްފައެވެ.