މިއަދު ހިމަބިއްސަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ނުވަ މީހަކު ހިމަބިއްސަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައި މިވަނީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން ސަރުކާރުން އިއުލާން ކޮށްފައިވަނިކޮށެވެ. މިބަލި ފުރަތަމަ ފެނިފައި ވަނީ ވެކްސިން ދިނުން ހުއްޓާލި 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ. މިއަދާ ހަމައަށް އައި އިރު ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފާއެވެ.

އިއްޔެ ވެސް ހިމަބިއްސަށް ނުވަ މީހަކު ވަނީ ޓެސްޓުކޮށްފައެވެ. ނަމަވެސް އޭގެތެރެއިން މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިބަލި ޖެހުމުގެ ފުރުސަތު ބޮޑީ ވެކްސިން ނުޖަހާ ފަރާތްތައް ކަމަށް ވުމާއެކު، ވެކްސިން ނުޖަހާ ތިިބި ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށައިފައެވެ.އަދި ހިމަބިއްސަށް ސްކްރީން ކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފައެވެ.

މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދީފައިވާނެ ކަމަށާއި، 79 މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.