ސިޔާސީ ކުޅިބައިތައް ރާވާ ހިންގުމުގައި އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި އެންމެ ހަރަކާތްތެރި ރައީސްގެ ޝަރަފު، އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހޯއްދަވައިފިއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އަޒުލުކޮށް، ގާނޫނު ހަދާ މަޖިލީހުން އެ މައްސަލާގައި ގޮތެއް ނިންމުމުގެ މަޝްވަރާތައް ފަށާފައިވާ މިދަނޑިވަޅުގައި، އެންމެ ގިނައިން ޓްވީޓް ކުރައްވާ ރައީސްގެ ޝަރަފު ޓްރަމްޕް ހޯއްދެވިއިރު ދުވާލެއްގެ މައްޗަށް ޓްރަމްޕް ކުރައްވާ ޓްވީޓްގެ އަދަދު ވަނީ 123 އަށް އަރާފައެވެ.

ސުވިޓްޒަލޭންޑްގައި ކުރިއަށްދާ ޑާވޯސް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަމުންދާ ޓްރަމްޕް ވަނީ ބުދަ ދުވަހުވެސް 1 ގަޑިއިރުގެ ތެރޭގައި 41 ޓްވީޓް ކުރައްވާފައެވެ.

ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ފޮލޯކުރަމުންދާ 71 މިލިއަނެއްހާ މީހުން ތިބިއިރު، ޓްރަމްޕްގެ ޓްވިޓާ އެކައުންޓްއިން މިހާރު އާންމުކޮށް ފެންނަމުންދަނީ ވެރިކަމުން ޓްރަމްޕް އަޒުލުކުރުމުގެ މައްސަލާގައި، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަންސް މެމްބަރުން ދައްކަވާ ވާހަކަފުޅުތައް ހިމެނޭ ޕޯސްޓްތައް ރީޓްވީޓް ކުރައްވަމުން ގެންދަވާ މަންޒަރެވެ.